ޚަބަރު

ލާމަރުކަޒީ ޤާނޫނު އިޞްލާހުވެ ނިމުމުން އަންހެނުންގެ ދައުރު އިތުރުވާނެ ކަމަށް އުއްމީދު ކުރަން - ހޯމް މިނިސްޓަރ


އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތް ނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްޞީލް ކުރާ މިންވަރު އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ޢާންމުންގެ ޚިޔާލު ހޯދަން އެޓަރނީ ޖެނެރަލް، އޭޖީ އޮފީހުން ވަނީ ފަށާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެވެސް ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ޚާއްސަ އިސްނެންގެވުމުގެދަށުން ކުރިއަށްދާ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިސްލާހުކުރުމުގެ މަސައްކަތްނިމޭއިރު ކައުންސިލްތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެގޮތެއް ހަމަޖެހިގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އަދި ރާއްޖެއަށް ދިމާވެފައިވާ ޢިޖުތިމާއީ މައްސަލަތަކުގައި "ވިކްޓިމައިޒްވެގެންދާ" ގިނަބަޔަކީ އަންހެނުންނާ ކުޑަކުދިން ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ މިހާރަށްވުރެ މައްސަލަތައް މަދު މުޖުތައެއް ހާސިލުވެގެންދާނެ ކަމެއް ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވީ އަންނަ މަހުގެ ތިންވަނަ ދުވަހާއި ލާމަރުކަޒީ ޤާނޫނަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާނެ ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކުރައްވާފައިވާ ޓްވީޓު:

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، އެނޫންވެސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރަމުން އަންނަކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އަދި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން ހުށަހަޅުއްވަން ބޭނުންވާ ޚިޔާލުތައް ލިޔުމުން ހުށަހެޅުއްވުމަށްވެސް ފުރުޞަތު ހުޅުވާލާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.

މިކަމުގައި އޭޖީ އޮފީހުން ރަށްރަށް ދަތުރުކޮށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ޖަމްޢިއްޔާތަކާއި، ޢާންމު ބައެއް ފަރާތްތަކާ ބައްދަލުކޮށް، ޚިޔާލު ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރުމަށްވެސް ކަނޑައަޅަފައިވާކަމެއްވެސްމެއެވެ.