މުނިފޫހިފިލުވުން

"ރޯމާ" އާއި "ދަ ފޭވަރިޓް" އޮސްކާގެ ނޮމިނޭޝަންސްތަކުގެ ކުރީގައި


ހޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ އޮސްކާ އެވޯޑަށް ވާދަކުރާ ފަރާތްތައް އިޢުލާންކުރިއިރު، ރޯމާ އަދި ދަ ފޭވަރިޓް ގިނަ ކެޓަގަރީތަކަކުން ނޮމިނޭޓްވެއްޖެއެވެ.

އެންމެ މޮޅު ފިލްމުގެ ކެޓަގަރީގައި ވާދަކުރާ ފިލްމުތަކަށް ބަލާއިރު، ނެޓްފިލްކްސްގެ "ރޯމާ" އުޅެނީ މި ލިސްޓްގެ އެންމެ ކުރީގައެވެ. މެކްސިކޯގެ އަލްފޮންސޯ ކިއުރޮން ޑައިރެކްޓްކޮށްފައިވާ ރޯމާ ވަނީ އޮސްކާގެ އެހެން ކެޓަގަރީތަކަށްވެސް ނޮމިނޭޓް ވެފައެވެ. މިގޮތުން ބެސްޓް ޑައިރެކްޓަރ، ލީޑް އެކްސްޓްރެސް، ސްކްރީން ޕްލޭ، އަދި އެޑިޓިންގެ އެކި ބައިތަކަށްވެސް މިފިލްމު ވަނީ ނޮމިނޭޓްވެފައެވެ.

މީގެ އިތުރުން ފޮކްސް ސަރޗްލައިތްގެ ބްރިޓިޝް ހިސްޓޯރިކަލް ފިލްމް "ދަ ފޭވަރިޓް"ވެސް އުޅެނީ އޮސްކާގެ އެންމެ މޮޅު ފިލްމުގެ ނޮމިނޭޝަން ލިސްޓުގެ އެންމެ ކުރީގައި އުޅޭ ރޯމާއާއި އެއް ހަމައެއްގައެވެ. އިނގިރޭސި ރަސްކަމުގެ ތާރީޚީ ހާދިސާތަކެއް އަސްލަށް ބަލައިގެން ތައްޔާރުކޮށްފައިވާ "ދަ ފޭވަރިޓަކީ" ކުއިން އޭންގެ ހަޔާތުން ދުވަސްތަކެއް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމްވެސް ވަނީ އޮސްކާ އެވޯޑްސްގެ އެހެން ކެޓަގަރީތަކަށްވެސް ނޮމިނޭޓްވެފައެވެ. މިގޮތުން ބެސްޓް ޑިރެކްޓަރ އަދި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ބަޔަށްވެސް މި ފިލްމުގެ ދެ ބަތަލާއިންކަމަށްވާ އެމާ ސްޓޯން އަދި ރޭޗަލް ވަނީ ނޮމިނޭޓްވެފައެވެ.

އޮސްކާގެ އެންމެ މޮޅު ފިލްމްގެ ކެޓަގަރީއަށް ދެން ވާދަކުރާ ފިލްމުތަކަކީ "އަ ސްޓާރ އިސް ބޯން"، "ބްލެކް ޕެންތަރ، "ގްރީން ބުކް"، "ބްލެކް ކްލެންސްމަން"، "ވައިސް" އަދި "ބޮހީމިއަން ރެޕްސޮޑީ"އެވެ.

އޮސްކާ އެވޯޑް އޮންނަނީ އަންނަމަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ލޮސްއެންޖަލެސްގެ ޑޯލްބީ ތިއޭޓަރުގައެވެ.