ޚަބަރު

ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަމަކީ ބިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއެއް - ޒަހާ


ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވެސް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމަކީ ބިލިއަންޑޮލަރުގެ ވަގު ފިޔަފާރިއެއް ކަމަށާ، އެކަމުގެ ސަބަބު މަސްވެރިންނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިންގ ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ބާއްވާ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިންގ ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާއިން އަންދާޒާކޮށްފައިވާ ގޮތުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމުގެ ސަބަބުން ޤަވާއިދުގެ ތަރަހައިގެ ތެރޭގައި އޮންނަ އުސޫލާ އެއްގޮތަށް މަސްވެރިކަން ކުރާ ފަރާތްތަކަށް އަހަރެއްގެ މައްޗަށް ބިލިއަން ޑޮލަރުގެ ބޮޑެތި ގެއްލުމާއި ކުރިމަތިވާ ކަމަށެވެ.

"ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަމަކީ ބިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއެއް. މިފަދަ މަސްވެރިކަމުގެ ސަބަބުން ޤަވާއިދު ތަކުގެ ތަރަހައިގެ ތެރޭގައި އޮންނަ އުސޫލުން މަސްވެރިކަން ކުރާ ފަރާތްތަކަށް ބިލިއަން ޑޮލަރުގެ ގެއްލުން އަހަރެއްގެ މައްޗަށް ލިބޭ." ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޤާނޫނީ ތަރަހައިން ބޭރުން ކުރާ މަސްވެރިކަމަކީ މިއަދު މުޅި ދުނިޔޭގައިވެސް މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާ އެގޮތަށް ނޭދެވޭ ގޮތުގައި ޤާނޫނީ ތަރަހައިން ބޭރުން މަސްވެރިކަން ކުރުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި މަހުގެ ސްޓޮކް ބަލަހައްޓާ ފަރާތްތަކަށްވެސް ވަރަށް ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"އައިޔޫޔޫ ފިޝިންއަކީ މިއަދު މުޅި ދުނިޔޭގައިވެސް މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން. މިއީ މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމަށް އެންމެހާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއްދަތި." ޒަހާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ތިރީހަށްވުރެ ގިނަ ޤައުމު ހިމެނޭއިރު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމުގެ ޙާލަތު މިވަގުތު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރީންދޫ އުރަހަ ކަންނެލީގެ ސްޓޮކްވެސް ހުރިވަރު ރަނގަޅު ނޫންކަމަށެވެ.

"މަސްވެރިކަން ކުރުމުގައި ރޭހެއް އުފެދިފައި އޮތް މިޒަމާނުގައި އިންޑިއާކަނޑުގެ މަސްވެރިކަމުގެ ޙާލަތު މާ ރަނގަޅެކޭ ދެއްނެވޭކަށް ނެތް. އަޅުގަނޑުމެންގެ މަސްވެރިކަމުގައި އެންމެ ބޮޑަށް ބަރޯސާވެފައިވާ ރީންދޫ އުރަހަ ކަންނެލީގެ ސްޓޮކް މިވަގުތު ހުރީ ވަރަށް ގޯސްކޮށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރަމުން އަންނަނީ ތިމާވެއްޓާ ވަރަށް ރައްޓެހި މާހައުލެއްގައި ދެމެހެއްޓެނެވި ގޮތެއްގައި ކަމަށެވެ. އަދި އިންޑިއާ ކަނޑުން މަސްވެރިކަން ކުރާ އެހެން ފަރާތްތަކާއި އަޅާބަލާއިރު، ރާއްޖޭގައި މަސްވެރިކަންކޮށް އުޅެނީ ނިސްބަތުން ސާފު މަސްވެރިކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ޤައުމީ ފެންވަރުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމަށް ފެށި މަސައްކަތުގައި މަސްވެރިކަމާއި ގުޅުންހުރި ހުރިހައި ދާއިރާއެއްގެ ފަރާތްތަކުން ބައިވެރިވެއެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާއި އޮޑިވެރިންނާއި މަސްވެރިންނާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި ކަސްޓަމްސްގެ ބޭފުޅުންގެ އިތުރުން މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކުން ބައިވެރިވެއެވެ.