ޚަބަރު

ދިރިއުޅުމެގެ ރަނގަޅު އާދައެއްގެ ގޮތުގައި ލޭ ހަދިޔާ ކުރުން ހެދުން މުހިންމު- ހެލްތް މިނިސްޓަރ


ދިރިއުޅުމުގެ ރަނގަޅު އާދައެއްގެ ގޮތުގައި ލޭ ހަދިޔާކުރުން ކަނޑައަޅައި، މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ ޤައުމީ ބަޠަލުންތަކަކަށް ވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ހެލްތް މިނިސްޓަރ މިކަމަށް ގޮވާލެއްވީ ހެލްތް މިނިސްޓްރީއިން އިސްނަގައިގެން ފެށި ލޭ ހަދިޔާ ކުރާ ކޭމްޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓްރީ އޮފް ހެލްތާއި އެ މިނިސްޓްރީގެ ރެކްރިއޭޝަނަލް ކްލަބް ގުޅިގެން ފެށި ލޭ ހަދިޔާކުރުމުގެ ކޭމްޕް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ފަސޭހައިން ލޭ ލިބޭނެ ފަދަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަސް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

އެހެންކަމުން ލޭ ހަދިޔާކުރުމުގެ މުހިންމުކަމަށް އާންމުން ހޭލުންތެރިކޮށް މިދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދުމަށް ގިނަ ޕްލޭންތަކެއް ރާވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ރައްޔިތަކީވެސް ދިރިއުޅުމެގެ ރަނގަޅު އާދައެއްގެ ގޮތުގައި ލޭ ހަދިޔާ ކުރުން ކަނޑައަޅާ، ލޭ ބޭނުންވެފައިވާ މީހުންގެ ފުރާނަ ސަލާމްތްކުރާ ޤައުމުގެ ބަތަލުންތަކަކަށް ވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

"ލޭ ހަދިޔާކުރުމަކީ އެކަމުން ލޭ ހަދިޔާކުރާ މީހާއާއި، ލޭ ދޭ ކުއްޖާއަށް އެކަމުން ފައިދާކުރާނެކަމެއް. މިކަމުގައި ދެފަރާތަށް ސިއްޙީ ފައިދާތަކެއް ވާއިރު ކޮންމެ ރައްޔިތެއްގެ ދިރިއުޅުމެގެ ރަނގަޅު އާދައެއްގެ ގޮތުގައި ލޭ ހަދިޔާ ކުރުން ކަނޑައަޅާ، ފުރާނަ ސަލާމްތްކުރާ ޤައުމުގެ ބަތަލުންތަކެއް ކަމުގައި ވާންޖެހޭ. މި ސަރުކާރުންވެސް މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްގެ ޑިރެކްޓަރ ނަޔާޒް އަޙްމަދު ވިދާޅުވީ، ރާއްޖޭގައި އުޅޭ ތެލެސީމިއާގެ ކުދިންނަށް ހަފުތާއަކު އެއްފަހަރު 160 ޕޮއިންޓުގެ ލޭ ބޭނުންވާކަމަށެވެ. ނަޔާޒް ވަނީ ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވާ އެ އަދަދު ގިނަކުރަން ރައްޔިތުން އިތުރަށް ހޭލުންތެރިކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"ރާއްޖޭގައި އުޅޭ ތެލެސީމިއާގެ ކުދިންނަށް ހަފުތާއަކު އެއްފަހަރު 160 ޕޮއިންޓް އަދި މަހަކު 440 ޕޮއިންޓް ލޭ ބޭނުންވޭ. މިހާރު ރާއްޖޭގައި ލިބެނީ މިއަދަދުގެ 33 އިންސައްތަ އަޅުގަނޑުމެންގެ އަމާޒަކީ 2020 ވަނަ އަހަރު އަންނަންވާއިރަށް މި އަދަދު 100 އިންސައްތައާއި ހަމައަށް ވާސިލުވުން. ރާއްޖޭގެ އާބާދީގެ 17 އިންސައްތައަކީ ބީޓާ ތެލެސީމިއާ ކެރިއަރުން ކަމުގައި ވާއިރު ރާއްޖޭގައި ލޭ އަޅާކުދިން މަދުކުރުމަށް މަސައްކަތްކުރަން ޖެހޭ." ނަޔާޒް އަޙްމަދު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން ކުރިއަށްގެންދިޔަ މި ބްލަޑް ކޭމްޕްގައި އެންމެ ފުރަތަމަ ލޭ ހަދިޔާކުރައްވާފައިވަނީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނެވެ. ހެލްތް މިނިސްޓްރީން ވިދާޅުވީ، މި ކޭމްޕް އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަނަމަވެސް، ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކޮށް ގިނަ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.