ޚަބަރު

އަންނަ މަހު ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބޭނެ - ހދ.އަތޮޅު ކައުންސިލް


އަންނަ ފެބުރުއަރީ މަހުގެތެރޭގައި ހދ.ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފައިވާކަމަށް އެއަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހދ.އަތޮޅު ކައުންސިލްގެ މެންބަރު އަޙްމަދު އާޠިފް ވިދާޅުވީ، ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ޤާނޫނީ ބޮޑެތި ހުރަސްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އައްޑޫސިޓީއާއި ފުވައްމުލަށް ސިޓީއަށް، ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔައީ މުޅި އަތޮޅަށްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެއްޖެނަމަ އެ އަތޮޅުގެ ވެރިކަން އެހެން ރަށަކަށް ބަދަލުކުރުމާއި، ސިޓީ ކައުންސިލެއްގެ އިއިތުރުން އަތޮޅު ކައުންސިލެއް އޮންނަންޖެހުންފަދަ ކަންކަމާމެދު އަދި ގޮތްތަކެއް ނިންމިފައިނުވާކަމަށެވެ.

އާޠިފް ވިދާޅުވީ، ޤާނުނީގޮތުން ހުރި ހުރަސްތައް ވަރަށްއަވަހަށް ހައްލުކުރެވޭނެކަމަށާ، އެމަސައކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ބަނޑާރ ނާއިބުގެ ލަފާޔާއެކު ކުރިއަށްދާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނިންމައި ފެބުރުއަރީ މަހުގެ ތެރޭގައި ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް އާޠިފް ވިދާޅުވިއެވެ.

"ސިޓީއަކަށް ބަދަލުވާ ހިސާބުން ކުޅުދުއްފުށީގައި ސިޓީކައުންސިލެއް އޮންނަންވާނެ. އެ ކިހިނެއްތޯ ވަނީ މިހާރު މި އޮތީ ކުޅުދުއްފުށީ ކައުންސިލް ކިޔާފައި ކައުންސިލެއް. އެހެންވީމަ ސިޓި ކައުންސިލަކަށް ބަދަލުވާއިރު މެންބަރުންގެ ޢަދަދަށްވެސް ބަދަލުތަކެއް އެބައާދޭ. އެހްނވީމަ މިކަންކަމަށް ވާނީ ކިހިނެއްތޯ. ކުޅުދުއްފުށީގައި ހުރި އަތޮޅު ކައުންސިލް އިދާރާއަށް ވަނީ ކިހިނެއްތޯ ކޮންތާކަށްތޯ ދާނީ." އާޠިފް ވިދާޅުވިއެވެ.

ހދ.އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ޙަސަން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ކައުންސިލުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްދޭންޖެހޭ އެއްބާރުލުން ދެއްވަމުން ގެންދަވާކަމަށެވެ. ޙުސައިން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދިއުމުން ހދ.އަތޮޅުގެ ވެރިކަން ކުރާނެރަށެއް ކަނޑައެޅުމުގައި އަތޮޅުގެ ތޭރަ ރަށުގެ ތެރެއިން ރަށެއް ހަމަޖެއްސާއިރު، ގިނަ ރަށްތަކަކުން އެކަމަށް ޝަޢުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ.

"ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ގޮތް އަޅުގަނޑުމެން ބޭނުންވޭ. ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާގޮތް ހެދުމަށް އަތޮޅު ކައުންސިލް އޮތީ ތައްޔާރަށް. ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ވޭތުވެދިޔަ ތަނުގައިވެސް އޮންނާނީ އަތޮޅު ކައުންސިލުން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދިފައި" ޙުސައިން ވިދާޅުވިއެވެ.

ރާއްޖޭގެ ޤާނޫނު ބުނާގޮތުން އާބާދީގައި ދިހަހާސް ހަމަވުމުން އެރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެކަމަށެވެ. މިހާރު ކުޅުދުއްފުށީގެ އާބާދީގައި ދިހަ ހާހަށްވުރެ ގިނަ މީހުން ތިބިކަމަށް އެރަށުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މާލެއާއި އައްޑޫ އަދި ފުވައްމުލަކެވެ.