ވިޔަފާރި

ބިޒްނަސް އެވޯޑުގެ އަމާޒަކީ ރާއްޖެއާއި ބޭރުގެ ކުންފުނިތައް ގުޅާލުމުގެ ފުރުސަތު ފަހިކުރުން


ގޯލްޑް ހަންޑްރެޑް ބިޒްނަސް އެވޯޑުގެ އަމާޒަކީ ރާއްޖެއާއި ބޭރުގެ ބޮޑެތި ކުންފުނިތައް އެއްފުރާޅެއްގެ ދަށަށް ގެނެސް ގުޅާލުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް މޯލްޑިވްސް ގެޓަވޭޒްއިން ބުނެފިއެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ބާއްވާ ގޯލްޑް ހަންޑްރެޑް އެވޯޑް ހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މި އެވޯޑް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭޒްގެ ޗީފް އޮޕަރޭޓިން އޮފިސަރ ޑރ.ހުސެން ސަނީ އުމަރު ވިދާޅުވީ މިއަހަރުގެ އެވޯޑްސްގައި ބޭރުގެ ބައެއް ކުންފުނިތަކުން ބައިވެރިވާނެކަމަށެވެ. އަދި އަމާޒަކީ މިއެވޯޑަކީ މިފަދަ ބޮޑެތި ވިޔަފާރިތައް އެއްފުރާޅެއްގެ ދަށުން ބައްދަލުވެ، ނެޓްވޯކްކުރަން ލިބޭ ފުރުސަތަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

"މެއިން އައިޑިއާއަކީ އަސްލު ނެޓްވޯކިން އޮޕޮޗިއުނިޓީއާ ހިސާބަށް ދެވޭތޯ މަސައްކަތްކުރުން. އެގޮތުން މިއަހަރު އަޅުގަނޑުމެން އިންވައިޓްކޮށްފައި އިންނާނެ ލަންކާ ސްޓޮކް އެކްސްޗޭންޖާއި، ޑުބާއީގެ ބޭފުޅުން ކޮޅަކާއި، އަދި އެބައުޅޭ މިވަގުތަށް ނަންހަމަކުރަން ބޭނުން ނުވާ ބައެއް ބައިނަލްއަޤްވާމީ އިންސްޓިޓިއުޝަންތައް. މިބޭބޭފުޅުންނަށް އަސްލު ވަރަށް މުހިންމު ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކާ ބައްދަލުވުން. ނެޓްވޯކިންނާ، އެކުޑަ ގަޑިއިރެއްގެ ތެރޭގައި މިދިމާވާ ބޭބޭފުޅުންނަކީ ހިއެއްނުވޭ އެއްތާކުން މިބޭބޭފުޅުންނާ ދިމާވާނެކަމެއް. މިސާލަކަށް މީގައި ބައިވެރިވާ ފަރާތްތަކަށްވެސް މިއީ ވަރަށް ބޮޑު އޮޕޮޗިއުނިޓީއެއް." ސަނީ ވިދާޅުވިއެވެ.

ސަނީ ވިދާޅުވީ ގޯލްޑް ހަންޑްރެޑް ގައި މިއަހަރު ސަރުކާރުގެ ގިނަ ވުޒާރާތަކުންވެސް ބައިވެރިވާކަމަށާއި، އުންމީދަކީ މުސްތަޤުބަލުގައި މިކަމުގައި ވިހާވެސް ބޮޑަށް ބައިނަލްއަޤްވާމީ ކުންފުނިތަކުގެ ބައިވެރިވުންވެސް އިތުރުކޮށް، ރާއްޖެއާއި ބޭރުގެ ބިޒްނަސް މުޖުތަމައުއާ ގުޅުންތައް އިތުރަށް ހަރުދަނާކުރުންކަމަށެވެ. އަދި މިއީ މިފަދަ ކަންކަމަށް އޮތް ޕްލެޓްފޯމަކަށް ވެގެންދިއުންކަމަށް ސަނީ ވިދާޅުވިއެވެ.

ގޯލްޑް ހަންޑްރެޑް ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް ހަންޑްރެޑް މެގަޒިންގައި ލިސްޓުކުރާނެއެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި ޝާޢިއުކުރާ މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

އެންމެ ރަނގަޅު ސަތޭކަ ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ. މިއަހަރުގެ ހަފްލާގައިވެސް ދެފަރާތްކަށް މިއެވޯޑު ދޭނެކަމަށްވެސް ސަނީ ވިދަޅުވިއެވެ.

ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ސަތޭކަ ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް ހަންޑްރެޑް" ގެ ނަމުގައި އެވޯޑެއް ދޭން ފެށީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.