ޚަބަރު

މާޒީން ކަށަވަރުކޮށްދެނީ ސިފައިން ދުވަހަކުވެސް ޤައުމަށް ޣައްދާރު ނުވާނެކަން - ރައީސް


މާޒީން ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 64ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ކަޅުތުއްކަލާކޮށީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިފައިންގެ 64ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އަސާސީ ތަމްރީން ފުރިހަމަކުރެއްވި ސިފައިންގެ ހުވައިގައި ހިމެނޭ މުހިންމު ހަތަރުކަމެއް ފާހަގަކުރައްވާފައެވެ. އެއީ، ޤާނޫނުއަސާސީ ދިފާޢުކުރުމާއި އިސްލާމްދީން ދިފާޢުކުރުމާއި ދިވެހިރާއްޖެ ދިފާޢު ކުރުމުގެ އިތުރުން ދުޝްމަނުންނާއި ބާޣީންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތް ކުރުމެވެ. ރައީސް ވަނީ، އެ ހުވައިގެ ވަޢުދުތައް ފުއްދުމަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރުބާންވުމަށްވެސް ތައްޔާރުވެ ތިބުމަށް ސިފައިންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވީ ސިފައިން ކުރެއްވި ހުވަޔަކީ ޤައުމީ ޖިހާދަށް ނުކުތުމުގެ ފުރަތަމަ ފިޔަވަޅުކަމަށާ ޙަޔާތުގެ ކިތަންމެ ކުޑަ ހިނދުކޮޅަކަށްވިޔަސް، ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކީ މުޅި ޙަޔާތުގައިވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަވަންވާނެކަމަށް ވިދާޅުވެފައެވެ.
އަދި ވަޒީފާ ބަދަލުވިޔަސް، ރިޓަޔަރ ކުރިޔަސް، އެ ހުވާ ނެތިގެނެއް ނުދާނެކަމަށް ރައީސް ވަނީ ސިފައިންނަށް ހަނދާންކޮށްދެއްވާފައެވެ.

އެހުވާގެ ސަބަބުން ސިފައިންނާ މަތިކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތު، ދުވަހަކުވެސް ވަކިނުކުރެވޭނެކަމަށާއި އެއީ ދާއިމީ ގޮތެއްގައި އެއަށް ޙުރުމަތްތެރިކޮށްހިތައި ވަފާތެރިވާންޖެހޭނެ ވަޢުދެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަންކަމަށްވެސް ވިދާޅުވެފައެވެ.

"
މިއަދު ތިޔަ ސިފައިން ތިޔަ ގުޅިވަޑައިގަތީ، މި ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ފަޚުރުވެރި ޢާއިލާއާ. މި ބަދަހި ސަފުތަކުގެ ފަހުލަވާނުންނަކީ، ވަރަށް ތެދުވެރި ވަފާތެރި، އަދި އެހާމެ އަމާނާތްތެރި ބައެއް. ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ، ދިވެހި ސިފައިންނަކީ ދުވަހަކުވެސް ޤައުމަށް ޣައްދާރުވާނޭ ބައެއް ނޫންކަން
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހްގެ ވާހަކަފުޅުގައި ޤައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ، ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުންކަމަށާއި، ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ އަބަދު ހަނގުރާމަ ކުރުމެއް ނޫންކަން ފާހަގަކުރައްވާފައެވެ. ހަނގުރާމައިގެ ނަޞްރުން ލިބޭ އުފަލަށްވުރެ، މިނިވަންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ކޮންމެވެސް ދުވަހަކުން މިޤައުމާއި މިފަސްގަނޑު ދޫކޮށްފައި ދާނެ. ވަޠަނުގެ ދަރީންތައްވެސް، ޖީލަކަށްފަހު ޖީލެއް ބަދަލުވަމުންދާނެ. ނަމަވެސް މިވަޠަން ތާއަބަދަށް ދެމިއޮންނާނެ. މިވަޠަނުގެ ބަނޑުން އުފަންވާ ދަރީން އަބަދުވެސް، މި ވަޠަނުގެ ޙައްޤުގައި ޤުރްބާންވަމުންދާނެ. މިއަދު އެ ޒިންމާއާ ޙަވާލުވެ ތިބީ ތިޔަ ހިތްވަރުގަދަ ޒުވާން ސިފައިން.
ޝަހީދު ޢަލީ ރަސްގެފާނު، އުތީމު މަހާރަދުން، އަދި ހުރާ ދޮން ބަންޑާރައިން ފަދަ ބޭބޭފުޅުންނަކީ، ޤައުމުގެ ޙައްޤުގައި ތެދުވެވަޑައިގެންނެވިއިރު، ތިޔަބޭފުޅުން ފަދަ ނޫކަށިފުރައިގެ ޒުވާނުން. ޝަހީދު ޙުސައިން އާދަމް، މި ޤައުމުގެ ޙައްޤުގައި ޝަހީދުވެވަޑައިގަތީ، ޒުވާން ލޭގެ ހޫނާއި ޖޯޝްގައި. އެ ފުރާނަފުޅުތަކަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވާށި!" ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންނާއި މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ ދާޚިލީ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓުމުގައިވެސް، ސިފައިންގެ މަސައްކަތަކީ އަގުނުކުރެވޭ މުހިންމު ޚިދުމަތެއްކަމަށެވެ. ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އެހީވާން ނުކުންނަ އެއްބަޔަކީ ދިވެހި ސިފައިންކަން ފާހަގަކުރައްވާ ސިފައިންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

"މި ފަހުން ތަޢާރުފުކުރި ޚިދުމަތްތަކުގެ ތެރެއިން، ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް، ސިފައިންނާ ހަވާލުކޮށްފައި އެވަނީ،ކޮންމެފަދަ ޙާލަތެއްގައިވެސް، ފަސްޖެހުމެއްނެތި، އެ ޚިދުމަތް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޮންނާތީ. މޫސުން ގޯސްވެ، ޢާއްމުކޮށް ދަތުރުފަތުރު ނުކުރެވޭ ޙާލަތްތަކުގައިވެސް، ސިފައިން އަންނަނީ އެ ޚިދުމަތް ފޯރުކޮށްދެމުން" ރައީސް ވިދާޅުވިއެވެ.

އަލަށް ހުވާކުރެއްވި ސިފައިންނަކީވެސް، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ ބައެއްކަން ޔަޤީންކުރައްވާކަން ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ވަރުގަދަ ޢަޒުމެއްގެ މަތީގައި ސާބިތުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ސިފައިންނަށް އިލްތިމާސްކުރެއްވިއެވެ.