ޚަބަރު

ގެޓްސެޓް ޕްރޮގްރާމަށް މިހާތަނަށް 93 ފަރާތަކުން ފޯމު ހުށަހަޅައިފި


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފައްޓަވާފައިވާ "ގެޓްސެޓް" ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި މިހާތަނަށް ނުވަދިހަ ތިން ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ.ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުޤުވެރިވާ އަށާރަ އަހަރާއި، ތިރީސްފަސް އަހަރާއި ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މިޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ތެރޭގައެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޔޫތް މިނިސްޓަރީގެ އިންފޮމޭޝަން އޮފިސަރ ހުސެއިން އަމީން ވިދާޅުވީ، ގެޓްސެޓް ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ނުވަދިހަ ތިން ފޯމުގެ ތެރެއިން ނުވަދިހަ ފޯމެއް ބަލައިގަނެފައިވާކަމަށާއި، ތިން ފޯމެއްގައި މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި އެފަރާތްތަކަށްވެސް މިމަހުގެ ނިޔަލަށް މައުލޫމާތުތައް ފުރިހަމަކުރުމަށްފަހު އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.މީގެ އިތުރުން ގެޓްސެޓް ޕްރޮގްރާމްގެ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ އޮފީސް ރަސްމީކޮށް، މި ހަފުތާތެރޭގައި ހުޅުވުމަށް ހަމަޖެހިފައިވާކަމަށާއި، މި އޮފީސް ހުޅުވުމާއިއެކު، ގެޓެސެޓް ޕްރޮގްރާމަށް ޒުވާނުން އަހުލުވެރިކުރުވުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.ގެޓްސެޓް ޕްރޮގްރާމާއި ގުޅޭގޮތުން ޒުވާނުންނަށް މައުލޫމާތުދީ، ރަޖިސްޓްރޭޝަންގެ މަސައްކަތްކުރުމަށް ގެޓްސެޓް ރޯޑްޝޯވގެ ނަމުގައި ޔޫތު މިނިސްޓްރީއާއި އިކޮނޯމިކް މިނިސްޓްރީ ގުޅިގެންވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.ގެޓްސެޓް ޕްރޮގްރާމުގައި ބައިވެރިވިމުގެ ފުރުސަތު މިމަހުގެ އަށާވީހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން ތިންސަތޭކަ ހާސް ރުފިޔާއާއި އަށްސަތޭކަ ހާސް ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ލޯނު އެފަރާތްތަކަށް ދޫކުރުމުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އޮތް މިންވަރާއި، އެރަށަކަށް ނުވަތަ އެ އަތޮޅަކަށް ލިބޭނެ ފައިދާއާއި، ޤައުމުގެ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް ލިބޭނެ ކުރިއެރުންތަކަށް ބަލާނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.