ޚަބަރު

ދަރިފުޅަށް އިންސާފު ލިބެންދެން ރާއްޖޭގައި މަޑުކުރާނަން - ޖިއާންގެ ޢާއިލާ


ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ހަދަމުންދިޔަ ޢިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި މަރުވި ރައުޝާން ޖިއާންއަށް އިންސާފް ލިބެންދެން ރާއްޖޭގައި މަޑުކުރާނެކަމަށް އެކުއްޖާގެ މައިންބަފައިން ބުނެފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 9 އަހަރުގެ ރައުޝާން ޖިއާން މަރުވެފައިވަނީ، ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ޢިމާރާތްކުރަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް އެކުއްޖާގެ ބޮލަށްވެއްޓި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.

އެ ކުއްޖާގެ ޢާއިލާގެ ފަރާތުން މިއަދު އުނިމާ ގްރޭންޑްގައި ނޫސްވެރިންނަށް މަޢުލޫމާތުދެމުން ރައުޝަން ޖިއާންގެ މަންމަ ބުނީ ދަރިފުޅުގެ މަރުގެ ހާދިސާއަށްފަހު އެނބުރި ޤައުމަށް ދިއުމަށްފަހު، އަލުން ރާއްޖެއައީ އިންސާފު ހޯދުމަށް މަސައްކަތްކުރުމަށްކަމަށެވެ. ދަރިފުޅު މަރުވި ހާދިސާއަށްފަހު ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ބެހެއްޓި އޯގާތެރިކަމަށް ޝުކުރު އަދާކުރަމުން އެކުއްޖާގެ މަންމަ ބުނީ، އެހާދިސާގެ ސަބަބުން އެ އާޢިލާއަށާއި ރާއްޖޭގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ.

ކުއްޖާގެ މަންމަބުނީ ދަރިފުޅު މަރުވި ހާދިސާއަށްފަހުވެސް، އަދި ފެނިގެންދަނީ ޤަވާއިދާއި ޚިލާފަށް ކުރާ ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބަދަލެއް އައިސްފައި ނުވާތަންކަމަށެވެ. ޢިމާރާތްކުރާ ސައިޓުތައް އަދިވެސް ފެންނަނީ ނުރައްކާތެރި ތަންތަނުގެ ގޮތުގައިކަމަށް ރައުޝަން ޖިއާންގެ މަންމަ ބުންޏެވެ.
ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރަނީ އެހެން ކުއްޖަކަށްވެސް އެފަދަ ހާދިސާއެއް ކުރިމަތި ނުވާނެކަން ކަށަވަރުކުރުމަށް އިމާރާތްކުރުމުގެ ސިނާއަތް ޒިންމާދާރުކުރުވަން ބޭނުންވާތީކަމަށް އޭނާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 17ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައެކަތްކުރަމުންދިޔަ ސައިޓްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބަނގްލަދޭޝްގެ ކުއްޖާ މަރުވި ހާދިސާ ހިނގާފައިވަނީ، އެ ކުންފިނިން ޢިމާރާތްކުރުމަށް ނަގަންޖެހޭ ހުއްދަ ނުނަގާ މަސައްކަތްކަތް ކުރަމުންދަނިކޮށްކަމަށް މާލޭ ސިޓީ ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ ޢިމާރާތް ކުރުމުގެ ހުރިހާ ހުއްދަތައް ބާޠިލުކުރުމަށްފަހު މިހާރު ވަނީ އަނެއްކާވެސް އެ ކުންފުންޏަށް ހުއްދަ ދީފައެވެ.