ޚަބަރު

އުތުރު ކޮރެއާއިން ސިއްރިއްޔާތުގައި ހިންގާ އަސްކަރީ މަރުކަޒެއް ފެނިއްޖެ: ރިޕޯޓު


ހަތިޔާރު ނައްތާލުމާބެހޭގޮތުން އުތުރު ކޮރެއާއިން އެމެރިކާއަށް ދީފައިވާ މައުލޫމާތުގައި ނުހިމެނޭ މަރުކަޒެއް އެ ޤައުމުގައި ހުރިކަމަށް ވޮޝިންޓަންގައި ހުންނަ ބައިނަލްއަޤުވާމީ އަދި ސްޓްރެޓީޖިކް ދިރާސާތަކާބެހޭ ބައިނަލްއަޤުވާމީ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން ބުނީ، އުތުރު ކޮރެއާއިން ސިއްރުކޮށްގެން އުޅޭ އެ މަރުކަޒު ބޭނުންކުރަނީ އެ ޤައުމުގެ ސިފައިންގެ ތެރޭގައި ހިމެނޭ ސްޓްރެޓީޖިކް ބާރުތަކުން ކަމަށާއި، އެ މަރުކަޒުގައި ސްޓްރެޓީޖިކް މިސައިލްވެސް ރައްކާކޮށްފައިވާކަމަށެވެ.

ބައިނަލްއަޤުވާމީ އަދި ސްޓްރެޓީޖިކް ދިރާސާތަކާބެހޭ މަރުކަޒުން ނެރުނު ދިރާސާ ރިޕޯޓްގައިވާގޮތުން، އުތުރު ކޮރެއާއިން އެ އަސްކަރީ މަރުކަޒު ބިނާކޮށްފައިވަނީ ދެ ކޮރެއާގެ ދެމެދުގައިވާ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދުގެ އުތުރުން ދުއިސައްތަ ބާރަ ކިލޯމީޓަރު ދުރުގައިވާ އެކަހެރި ސަރަހައްދެއްގެ ބިމު އަޑީގައެވެ. އެ ތަން ފާހަގަކުރެވުނީ އެ ސަރަހައްދަށް އުތުރު ކޮރެއާގެ ސިފައިން ދިޔުމުގެ ސަބަބުންނާއި، އެތަނުގެ ބިންގަރާހަށް ވަންނަ ދޮރެއް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އެ ސަރަހައްދުގެ މަތިން ދަތުރުކުރި އެމެރިކާގެ ސެޓަލައިޓަކަށް ފާހަގަކުރެވިގެން ހޯދި ހޯދުންތަކުން ކަމަށްވެސް އެ ރިޕޯޓް ބުނެއެވެ.

އުތުރު ކޮރެއާގައި އުފައްދާ "ނޯޑޮންގް ވަން" މަރުކާގެ ބަލަސްޓިކް މިސައިލަކީ ނިއުކްލިޔަރ ވޯހެޑް އުފުލުގެ ގާބިލްކަން ލިބިފައިވާ ފަސް ހާސް ކިލޯމީޓަރުގެ ރާސްތާ ހުންނަ މިސައިލެއް ކަމަށް ޚަބަރުތައް ބުނެއެވެ. އުތުރު ކޮރެއާއިން ސިއްރުކޮށްގެންއުޅޭ އެ އަސްކަރީ މަރުކަޒުގައި "ނޯޑޮންގް ވަން" މަރުކާގެ ބަލަސްޓިކް ރައްކާކުރުމުގެ އިތުރުން މިސައިލާ ގުޅިފައިވާ ބައެއް އެހެން ހަރާތްތައްވެސް އެތަނުގައި ކުރާކަމަށް ބެލެވޭކަމަށް އެ ރިޕޯޓުގައިވެއެވެ.މި ރިޕޯޓާމެދު އެމެރިކާއިންވެސް އަދި އުތުރުކޮރެއާއިންވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.