ޚަބަރު

ކަޅުވަކަރު މިސްކިތް ބަހައްޓާތަނަށް އެ މިސްކިތުގެ ބައިތައް ގެންދަން ފަށައިފި


ކަޅުވަކަރު މިސްކިތުގެ ބައިތައް މަރާމާތަށްފަހު މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ގެންދިޔުމުގެ މަސައްކަތް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ފަށައިފިއެވެ.

އެ މިނިސްޓްރީން ބުނީ ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ ބައިތައް މަރާމާތުކޮށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު މިސްކިތް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ރައްކާތެރިކަމާއެކު ގެންދިއުމަށް ފޮށިތަކުގައި ބަންދުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަން ނިންމާފައިވަނީ އިސްލާމީ މަރުކަޒު ކައިރީގައި ކުރިން ދިރާގު ބިލްޑިންގ ހުރި ތަނުގައި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. އަދި މިސްކިތް ރޭވުމުގެ ކުރިން، މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާއި، މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް އެ މިނިސްޓްރީން ވަނީ ކޮށްފައެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް ހޯދައި އެ މިސްކިތް އަލުން ރޭވުމަކީ ސަރުކަރުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ.

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ނިންމާފައިވަނީ ކުރިންވެސް ބޭނުންކުރަމުން އައިގޮތަށް މިސްކިތުގައި ނަމާދުކުރެވޭގޮތަށެވެ. އަދި މިސްކިތަކީ ދިވެހިންގެ މުއްސަނދި އާސާރާއި، ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ތަނަކަށްވާތީ، ކަޅުވަކަރު މިސްކިތް ވީހާވެސް ރައްކާތެރިކަމާއިއެކު، ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކަޅުވަކަރު މިސްކިތަކީ ކަޅުވަކަރާއި ހިރިގާ ބޭނުންކޮށްގެން ހަދާފައިވާ، ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ މިސްކިތެކެވެ. ބެލެވޭގޮތުގައި ކަޅުވަކަރު މިސްކިތަކީ 200އަށްވުރެ ގިނަ އަހަރުވެފައިވާ މިސްކިތެކެވެ.

މި މިސްކިތް ތިންފަހަރެއްގެ މަތިން އެކި ތަންތަނަށް ބަދަލުކޮށްފައިވެއެވެ. އެންމެ ފަހުން ސަލްޓަން ޕާކުގައި ބަހައްޓާފައިވާ މި މިސްކިތް އެތަނުން ނަގާފައިވަނީ ރަސްރަނި ބަގީޗާ ތަރައްޤީކުރުމަށެވެ. އަދި މި މިސްކިތް އެހެން ތަނަކަށް ބަދަލު ކުރުމަށް އޭރު ސަރުކާރުން ނިންމި ނަމަވެސް މިސްކިތް ނުރާވާ ގިނަ ދުވަސްވެ، އާއްމުންގެ ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން، ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙްވަނީ އެ މިސްކިތުގެ ހައިބަތު ނުގެއްލޭނެހެއް އަލުން މިސްކިތް ބަހައްޓައި ރައްކާތެރިކުރެއްވުމަށް ނިންމަވާފައެވެ.