ޚަބަރު

ޕާސްޕޯޓު ހަދާއިރު ހުރިހާ އިނގިއްޔެއްގެ ފިންގަރޕްރިންޓް ނަގަނީ


ޕާސްޕޯޓު ދޫކުރާ ވަގުތު ހުރިހާ އިނގިއްޔެއްގެ ފިންގަރޕްރިންޓް ނަގަން ޖެހޭގޮތަށް ހަމަޖައްސާ، ޕާސްޕޯޓް ދޫކުރާ ސިސްޓަމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކޮށްފިއެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ދޫކުރާ ވަގުތު ޕާސްޕޯޓްގެ ވެރިފަރާތުގެ ވައަތާއި އަދި ކަނާއަތުގެ ބޮޑުވާއިގިލީގެ ނިޝާން ނަގަމުންދިޔަ ކަމުގައި ވިޔަސް މިހާރު ދިހަ އިގިލީގެ ނިޝާން ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.މިބަދަލު ގެނައިފަހުން ދޫކުރެވޭ ޕާސްޕޯޓްގެ މުއްދަތު ހަމަވުމުން އަލުން ޕާސްޕޯޓް ހައްދާ ވަގުތުގައި ދިހަ އިނގިލީގެ ނިޝާން ނެގުމުގެ ބަދަލުގައި ޕާސްޕޯޓް ދޫކުރުމުގެ ކުރިން ސިސްޓަމުން ކާކުކަން ދެނެގަތުމަށްޓަކައި އަތުގެ ކޮންމެވެސް އެއް އިނގިއްޔެއްގެ ނިޝާން ނެގުމުން ފުދޭނެ ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.ސިސްޓަމަށް މިގެނެވުނު ބަދަލާ ގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ލިބުމަކީ، އެކަށީގެންވާކަމެއް ކަމަށާއި އެހެންނަމަވަސް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެވޭނެ ކަމަށް ވެސް އިމިގްރޭޝަނުންވަނީ ބުނެފައެވެ.އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ދޫކުރުމަށް ބޭނުންކުރާ ސިސްޓަމަށް ގެނެވުނު ބަދަލާ ގުޅިގެން އަތޮޅުތަކުން ޕާސްޕޯޓް ޕްރިންޓް ކުރުމާއި، އިމިގްރޭޝަންގެ ޕާޓްނާ އެޖެންސީތަކުން އެޕްލިކޭޝަން ފޯމުގައިވާ ޑޭޓާ އެންޓާ ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގާބިލްކަން ސިސްޓަމަށް ލިބިފައިވާނެކަމުގައެވެ.މީގެއިތުރުން އިމިގްރޭޝަނުން ކަނޑައަޅާފައިވާ މިންގަޑަށް ނަގާފައިވާ ފޮޓޯގެ ސޮފްޓް ކޮޕީ ބޭނުންކޮށްގެން ޕާސްޕޯޓް ހެދޭނެ އިންތިޒާމްވެސް ކައިރި މުސްތަގުބަލެއްގައި ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.