ޚަބަރު

ރެފިއުޖީންގެ ތެރޭގައި ބަލިމަޑުކަން އިތުރުވެދާނޭކަމަށް ބުނެ ޑަބްލިއު.އެޗް.އޯ އިން ކަންބޮޑުވުންފާޅުކޮށްފި

ވިލާތުގެ ޤައުމުތަކުގައި ދިރިއުޅޭ ރެފިއުޖީންގެ ދިރިއުޅުމުގެ ވައްޓާޅިއަށް އައިސްފައިވާ ބަދަލުތަކާއި ލިބޭ ކާބޯތަކެތީގެ ސަބަބުން އެފަދަ މީހުންނަށް ގިނަ ގުނަ ސިއްހީ މައްސަލަތައް ކުރިމަތިވުމަކީ އެކަށިގެންވާ ކަމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗް އޯއިން ބުނެފިއެވެ.

ވިލާތުގައި ދިރިއުޅެމުންދާ ރެފިއުޖީންގެ ސިއްޙީ ޙާލަތާ ބެހޭގޮތުން ޑަބްލިއު. އެޗް.އޯއިން ފުރަތަމަ ފަހަރަށް ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ރެފިއުޖީންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާ ފަޤީރުކަމުގެ ހާލަތު ހުރި ގޮތުން ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި ނުލިބުމާއެކު މި ފަދަ ފަރާތްތަކަށް ގައިންގަޔަށް އަރާ ބަލިތަކާ ގައިންގަޔަށް ނާރާ ބަލިތައް ގިނައިން ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

މީގެ އިތުރުން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް މިފަދަ ފަރާތްތަކަށް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ޑަބްލިއު.އެޗް.އޯގެ ރިޕޯޓްގައި ބުނެފައިވެއެވެ. މި ރިޕޯޓްގައި ބުނެފައިވަނީ ރެފިއުޖީން އެއްތަނުން އަނެއްތަނަށް ކުރާ ދަތުރުގެ ސަބަބުންވެސް ގައިންގަޔަށް އަރާ ގިނަ ބަލިތަކެއް ފެތުރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.

މި ގޮތުން، ގިނަ ފަރާތްތަކުން ވިލާތުގެ ސަރަހައްދުތަކަށް އަންނަނީ ކުޑަ ޖާގައެއްގައި ފިތިގެން ތިބެގެން ކަމަށާއި، މިފަދަ މާހައުލެއްގައި ގިނަ ދުވަހު ތިބެން މަޖުބޫރުވުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރޭ މިންވަރު އިތުރުވާ ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. ހުސްވި އަހަރު އދން ވަނީ ރެފިއުޖީންގެ ހައްޤުތައް ރައްކާތެރިކޮށް މިފަދަ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ދިނުމަށް ގޮވާލާ މުޢާހަދާއެއް އެކުލަވާލާފައެވެ.