ޚަބަރު

ލަޔަން އެޔަރގެ މަތިންދާބޯޓުގެ ކަޅުފޮށީގައިވާ މަޢުލޫމާތު ހާމަނުކުރާނެކަމަށް ސަރުކާރުން ބުނެފި


މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިންޑޮނޭޝިޔާގެ ޖަކާޓާއިން ނައްޓާލައިގެން ދަތުރުކުރަމުން ދަނިކޮށް އެ ގައުމުގެ ޖާވާ ކަނޑަށް ވެއްޓުނު ލަޔަން އެޔަރގެ މަތިންދާބޯޓުގެ ދެވަނަ ކަޅުފޮށީގައިވާ މަޢުލޫމާތު ޢާއްމުކުރުމުގެ ވިސްނުމެއް ނެތްކަމަށް އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ކަޅުފޮށި ފެނިފައިވަނީ މި މަހުގެ ކުރީކޮޅު އިންޑޮނޭޝިޔާގެ ސަރުކާރުން ހިންގި އޮޕަރޭޝަންގައި ކަނޑުގެ ތިރީސް މީޓަރު އަޑިން ކަނޑުގެ ވެލިގަނޑުގެ އަށް މީޓަރު އަޑީގައި ފޮރުވިފައި އޮއްވައެވެ. ރޮއިޓަރސްއަށް މަޢުލޫމާތުދެއްވަމުން އިންޑޮނޭޝިޔާގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ އިދާރާގެ އިސްވެރިޔާ ސޮއެންޖަޓާނޯ ޖަޖޯނޯ ވިދާޅުވީ، އެ ބޮކްސްގައި ހުރި މަޢުލޫމާތު ސާފުކުރުމަށް ދެތިން ހަފުތާ ނަގާނެކަމަށާއި، މި މަޢުލޫމާތު ސާފުކުރުމަށް ފަހުވެސް މި މަޢުލޫމާތު ޢާއްމު ކުރުމަކީ ސަރުކާރުން ވިސްނާފައިވާކަމެއް ނޫންކަމަށެވެ.

އަދި މި ޙާދިސާއާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ތަހްޤީޤީ ރިޕޯޓެއް އެކުލަވާލަމުންދާ ކަމަށާއި، މިއަހަރުގެ އޯގަސްޓް މަހު ނުވަތަ ސެޕްޓެމްބަރު މަހު މި ރިޕޯޓް ޢާއްމު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލަޔަން އެޔަރގެ މަތިން ބޯޓު ވެއްޓުނު ޙާދިސާގައި ބޯޓުން ދަތުރުކުރަމުން ދިޔަ ސަތޭކަ އަށްޑިހަ މީހުން ވަނީ މަރުވެފައެވެ.

މިއީ ދުނިޔޭގައި ބޮއިންގްގެ ސެވަން ތްރީ ސެވަން މެކްސްގެ މަތިންދާބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ، އަދި މިއީ 2018 ވަނަ އަހަރު ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.