ޚަބަރު

ރައީސް ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވަނީ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އަވައްޓެރި ސްރީލަންކާއަށް ވަޑައިގަންވާގޮތަށް ހަމަޖެހިއްޖެއެވެެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުވަތަކަށް އަންނަ ފެބްރުއަރީ މަހުގެ ތިނަކުން ފަހަކަށް ރައީސް ޞާލިޙް ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ޤައުމުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކެއް ޝަރަފުވެރިކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް މިދަތުރުފުޅާ ގުޅޭ ތަފްސީލް ރައީސް އޮފީހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ ގާތްގުޅުމުގެ ތެރެއިން ދެޤަައުމުގައި ބާއްވާ މިފަދަ ޚާއްސަ ބޮޑެތި ރައްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވުމަށް ދެޤައުމުންވެސް އިއްޒަތްތެރިން ވަޑައިގަނަވައެެވެ.

ރައީސް ޞާލިޙް ސްރީލަންކާއަށް ކުރައްވާ މިދަތުރުފުޅުވެގެންދާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގެންނެވިފަހުން އެމަނިކުފާނު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ. އެހެން ނަމަވެސް ރައީސް ކަމުގެމަޤާމަށް އިންތިޚާބު ވުމާއި، ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހުވެސް އެމަނިކުފާނު ވަނީ ސްރީލަންކާއަށް އަމިއްލަ ދަތުރުފުޅެއްކުރައްވާފައެވެ.
މިހާތަނަށް ރައީސް ޞާލީޙް ވަނީ އަވައްޓެރި އިންޑިއާ އަށާއި، ޔުނައިޑެޓް އަރަބް އެމިރޭޓްސްއަށްވެސް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ.