މިދިޔަ އަހަރު ސާނަވީ ތަޢުލީމު ނިންމި ދަރިވަރުންގެ ނަތީޖާ އޭގެކުރީ އަހަރުތަކާ އަޅާބަލާއިރު ރަނގަޅުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. އެޑިއުކޭޝަނުން ބުނީ މިދިޔަ އަހަރުގެ ޓޮޕް ޓެންގައި 376 ދަރިވަރުން ހިމެނޭކަމަށެވެ.
2018 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ވަގުތީ ނަތީޖާ ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުގައި ރާއްޖޭގެ ސްކޫލްތަކުން އޯލެވެލް އިމްތިޙާނުގައި ފާހަގަކޮށްލެވޭ މިންވަރަށް ނަތީޖާ ރަނގަޅުކޮށްފައިވާކަމަށެވެ.
އެގޮތުން މި އިމްތިޙާނުން އޭ ފާހާއި ބީ ފާސް ހޯދި ކުދިންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ ޑރ. ޢަބްދުﷲ ރަޝީދު ވިދާޅުވީ، މި ނަތީޖާއިން ސްކޫލްތަކުގައި އަދިވެސް ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.
މި ސަރުކާރުގެ ވަށާޖެހޭ ތަޢުލީމު ދިނުމުގެ ސިޔާސަތުގެ ދަށުން މިހާރު ހުރި މައްސަލަތަށް ޙައްލުކޮށް އިސްލާޙުކުރުމަށްޓަކައި ގިނަކަންތައްކެއް ރާވާފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ވަށާޖެހޭ ތަޢުލީމެއްދޭން. އެގޮތުން މިކަމަށް ގިނަ ކަންތައްތަކެއް ރާވާފައިވާނެ. އަޅުގަނޑުމެން ހަމައެކަނި ބަލަނީ ނަތީޖާއަކަށް ނޫން. މިއާއެކު ކުދިން ދިރިއުޅުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަކީ އަޅުގަނޑުމެންގެ އަމާޒުއެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ރަޝީދު
2018 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި 4،571 ކުއްޖަކު ބައިވެރިވެފައިވާއިރު، ބީޓެކާއި ދަސްވާރު ޕްރޮގްރާމްގައ 862 ދަރިވަރަކު ކިޔަވާފައެވެ.
އަދި މިދިޔަ އަހަރުގެ ކޭމްބްރިޖް އައިޖީސީއެސްއީ، ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޓޮޕް ޓެންގައި ގައި 376 ދަރިވަރުން ހިމެނިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ވަކަވަކި މާއްދާތަކަށް ބަލާއިރު މިދިޔަ އަހަރު ދިވެހިން %86.1 ކުދިން ފާސްވެފައިވާއިރު، އިސްލާމުން %82.9 ކުދިންވަނީ ފާސްވެފައެވެ. މީގެ އިތުރުން ހިސާބުން %59.8 ކުދިން ފާސްވެފައިވާއިރު އިނގިރޭސިން %50.3 ކުދިންވަނީ ފާސްވެފައެވެ.
މީގެ އިތުރުން ކޮމާރސް އަދި ސައިންސް ސްޓްރީމްތަކުގެ މާއްދާތަކުންވެސް ވޭތުވެ ދިޔަ އަހަރު ފާސްވި ކުދިންގެ އަދަދު އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.