ޚަބަރު

ރަޝިޔާއާ އެކު ފްރީޓްރޭޑް އެގްރީމެންޓަކަށް ދިއުމަށް މަޝްވަރާކުރަނީ


ރަޝިޔާއާ އެކު ފްރީޓްރޭޑް އެގްރީމެންޓަކަށް ދިއުމަށްޓަކާ ރަޝިޔާގެ ސަރުކާރާއެކީ، ވާހަކަތައް ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ވިދާޅުވީ، ރަޝިޔާއާ އެކު މިއަހަރުގެ ތެރޭގައި ފްރީ ޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.މީގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކާއިއެކުވެސް ފްރީ ޓްރޭޑް އެގްރިމެންޓްތައް ގާއިމްކުރުމަކީ، ސަރުކާރުގެ އަމާޒެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖެއިން ބޭރުގެ ގައުމުތަކާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް ހެދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ރާއްޖޭގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ލިބޭ ނަފާ އިތުރުކޮށްދީ ރާއްޖޭގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރަޝިޔާގެ އިތުރުން ޗައިނާއާ އެކީވެސް ފްރީ ޓްރޭޑްގެ އެއްބަސްވުމަކަށް އައުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ޔޫރަޕްގެ މާކެޓުން ލިބުނު ހީނަރުކަމުން އަރައިގަނެވި ޗައިނާގެ މާކެޓަށް މަސް އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފްރީ ޓްރޭޑް އެގްރިމެންޓް ގާއިމްކުރެވުމުން ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ އެއްބަސްވުމެއްގެ ތެރެއިން ރާއްޖޭގެ އެއަރލައިންތަކަށްވެސް ޗައިނާގެ ގިނަ ސިޓީތަކަކަށް ދަތުރުކުރުމުގެ ފުރުޞަތު ހުޅުވި ރާއްޖޭގެ އެއަރލައިންތަކުގެ ވިޔަފާރި ފުޅާވެ ރާއްޖެއިން ބޭރުވަމުން ދިޔަ ފައިސާ ރާއްޖޭގެ އެތެރޭގައި ދައުރުވާން ފަށާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.