ޚަބަރު

ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ހުއްޓުވުމުގެ އިޤުރާރެއްގައި ސްޓެލްކޯގެ މުވައްޒަފުން ސޮއިކޮށްފި


ކޮރަޕްޝަނާއި ޚީޔާނާތާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިޤުރާރެއްގައި ސްޓެލްކޯގެ އެއްހާހަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަކަށް ކުރާ މަސައްކަތެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮރަޕްޝަނާއި ޚިޔާނާތް ހުއްޓުވުމުގެ ގޮތުން ސްޓެލްކޯއިން އެކުލަވާލި މި ޤަރާރުގައި އެކުންފުނީގެ މުވައްޒަފުން ސޮއިކުރުމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ، އާއްމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފާރުކޮށްދިނުމުގައި ސަރުކާރު ކުންފުނިތަކަކީ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދުތަކާއި ގުޅިފައިވާ އެންމެ މުހިއްމު ތަންތަންކަމަށްވާއިރު، ރައްޔިތުންގެ މެދުގައި ކުންފުނިތަކާމެދު ރަނގަޅު ތަޞައްވުރެއް އޮންނަންޖެހޭކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ސްޓެލްކޯއިން މި ނެގި އިސްނެގުމަކީ އުފާވެރި ފެށުމެއްކަމަށާއި، އެހެން ކުންފުނިތަކުންވެސް މިކަމުން މިސާލު ނަގަންޖެހޭކަމަށް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައިވެސް އޮތީ އިޙްލާސްތެރިކަން.. އެބޭފުޅެއްގެ އަމިއްލަ ތެދުވެރިކަމާއި، އަމާނާތްތެރިކަން.. މިގޮތަށް ސޮއިކުރުމަށްފަހުގައި، ތިބޭފުޅުންގެ ޚިދުމަތް ދެއްވުމުގައި އަނެއްކާވެސް މިއިންކަމަކަށް ޚިލާފުވެވިދާނެކަމަށް ހީކޮށް، އެ ބިރުވެރިކަމުން ސަލާމަތްވުމުގެ ގޮތުން ޚިދުމަތް ދިނުމާއި ދުރުގައި ހުންނަންވެއްޖެނަމަ މިއީ އަނެއްކާވެސް ވަރަށް ބޮޑު ތަކުލީފެއް.. ރައްޔިތުން އެދެނީ އަވަސް ޚިދުމަތް.." ސަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ނުހިންގާކަން ކަށަވަރުކުރާނެކަމަށެވެ. އަދި ކުންފުނީގެ އެންމެ މަތީ ފަންތިން ފެށިގެންގޮސް، އެންމެ އާދައިގެ މުވައްޒަފެއްވިޔަސް ކޮރަޕްޝަނާއި ގުޅުންހުރި އެއްވެސް އަމަލެއް ހިންގައިފިނަމަ، އެކަމެއް ބަލައި، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަމަށް މުޣުނީ ވިދާޅުވިއެވެ.

"މިކުންފުނީގައި އޮންނާނީ ޒީރޯ-ޓޮލަރެންސް.. އަޅުގަނޑުމެންގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ ފަރާތުން ކޮރަޕްޝަންގެ އަމަލެއް ނުފެންނާނެ.. އަޅުގަނޑު ޔަޤީންކަން އަރުވަން ބޭނުންވަނީ، އަޅުގަނޑު ހަވާލުވެ މިހުރި ކުންފުނީގެ އެއްވެސް ޖެނެރަލް މެނޭޖަރެއް، އެއްވެސް މުވައްޒަފެއް އަދި އަޅުގަނޑުމެންނާއި އެއްވެސް ގުޅުންހުރި ފަރާތެއް ކޮރަޕްޝަންގެ އަމަލެއްގައި ބައިވެރިނުވާނެކަން.. އެފަދަ އަމަލެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ބަލައި، ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނަން.." މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ މެދުގައި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލި މި ޤަރާރުގައި ހިމެނެނީ މައިގަނޑު 8 ކަމެކެވެ. އޭގެ ތެރޭގައި އަމާނާތްތެރިކަމާއެކު ޚިދުމަތް ދިނުމާއި، ރިޝްވަތު ނުހިފުމާއި، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމާއި ނަޒާހާތްތެރިކަން ކުރިއަށްނެރުމާއި އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް ޙާސިލުކުރުމުގެ ގޮތުން ކުންފުނީގެ މުދަލާއި ފައިސާ ބޭނުން ނުކުރުން ފަދަ ކަންކަން ހިމެނެއެވެ.