ޚަބަރު

ކޮރަޕްޝަނާއި ގުޅުންހުރި މައްސަލަތައް ރައީސް އޮފީހަށް ހުށަހެޅޭނެ ޕޯޓަލެއް ޤާއިމުކުރަނީ

ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޙާއްޞަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާއި ޚިޔާނާތުގެ ކަންކަން ހުއްޓުވުމަށް ސްޓެލްކޯއިން އިސްނަގައިގެން އެކުލަވާލި އިޤުރާރުގައި އެކުންފުނީގެ މުވައްޒަފުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ، ކޮރަޕްޝަނާއި، ނަޖާޢީޒު ފައިދާ ހޯދުމާއި ޚިޔާނާތުގެ ކަންކަން ހުއްޓުވުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ވަޢުދު ކަމަށެވެ. އަދި ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް ސަރުކާރުން ގެންގުޅޭނީ ނޯ-ޓޮލަރެންސް ސިޔާސަތެއްކަމަށްވެސް ސަމީރު ވިދާޅުވިއެވެ. މިނިސްތަރ ސަމީރު ވިދާޅުވީ ރައީސް ޞާލިޙާއި، ނާއީބު ރައީސާއި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންގެ މާލީ ބަޔާން ހާމަކުރުމަކީ ނަޒާހަތްތެރިކަން ކުރިއަށް ނެރުމަށް މި ސަރުކާރުން ކުރާ މަސައްކަތުގެ އެއް ހެކިކަމަށެވެ.

މިނިސްޓަރ ސަމީރު ވިދާޅުވީ، ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބަލައި ތަޙުޤީޤުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޙާއްޞަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަނާއި ޚިޔާނާތާއި ގުޅުންހުރި މަސައްލަތައް ސީދާ ރައީސް އޮފީހަށް ހުށައެޅުމުގެ ފުރުޞަތު އާއްމުންނަށް ލިބިގެންދާނެކަމަށާއި، ޕޯޓަލަށް ހުށަހަޅާ މައްސަލަތައް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން ތަޙުޤީޤުކޮށް، ފިޔަވަޅު އަޅާނެކަމަށެވެ.

"އޮންލައިން ޕޯޓަލެއް މިހާރު ރައީސް އޮފީހުގައި ޤާއިމުކޮށް، އެ ޕޯޓަލް ވަރަށް އަވަހަށް އާއްމުންނަށް ހުޅުވާލެވޭނެ.. އޭރުން އާއްމުންގެ ލޮލަށް ފެންނަށް ކަންތައްތަކާމެދު ސުވާލު އުފެދުނީމަ، އެ ސުވާލު ޕޯޓަލް މެދުވެރިކޮށް އަޅުގަނޑުމެންގެ އޮފީހަށް ހުށަހެޅޭނެ.. އަދި އެފަދަ މައްސަލައެއް އާއްމުންގެ ފަރާތުން ހުށަހެޅިއްޖެނަމަ، އެކަންކަން ބެލުމުގެ އިންތިޒާމް ރައީސް އޮފީހުން ހަމަޖައްސައިދޭނެ.. އަދި އެފަދަ މައްސަލައެއްގެ ތެރޭގައި ކޮރަޕްޝަންގެ މައިމުގުލުން އުފުރާލަންޖެހޭ ކަންތައްތަކެއްވާނަމަ، އެކަމެއް އެ.ސީ.ސީއާއި ހަމައަށް ފޮނުވަންޖެހިއްޖެނަމަ، އެކަންވެސް އަޅުގަނޑުމެން ކުރާނަން.." މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވީ، ރައީސް ޞާލިޙުގެ ސަރުކާރު ވެގެންދާނީ ކޮރަޕްޝަނާއި، ޚިޔާނާތާއި، ނަޖާޢީޒުގޮތުގައި ފައިދާ ހޯދުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ނަތީޖާ ނެރޭނެ ސަރުކާރަކަށް ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ އިންތިޒާމެއް ރައީސް އޮފީހުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތުގެ މައްސަލަތައް ތަޙްޤީޤުކުރުމަށްޓަކާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެއްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވަނީ އުފައްދަވާފައެވެ.