ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގަން އިންޑިއާގެ ކުންފުންޏާއެކު ވި އެއްބަސްވުން ބާޠިލުކުރަން ކައުންސިލުން އެދިއްޖެ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް (އެންއައިއައި)އާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކޮށްދިނުމަށް، ހދ.ކުޅުދުއްފުށީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން މިކަމަށް އެދިވަޑައިގެންފައިވަނީ އެ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހަވާލުކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި ޢަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގި، ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވިއެވެ. އަދި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި އެކަން ހައްލުކުރެވިފައިނުވާތީ ހޮސްޕިޓަލް މިހާރު ހިންގަމުންދަނީ ސަރުކާރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޙަސަން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ނިމްސްއާއެކު ވެފައިވާ އެއްބަސްވުން އުވާލައި ސަރުކާރުގެ ބެލުމުގެ ދަށުން ހޮސްޕިޓަލުގެ ހިންގުން ބަދަލުކޮށްދިނުމަށް އެދިފައިވާނޭ ކަމަށެވެ. އަދި އެއްބަސްވުން އުވާލުމުން ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުންވެސް ރައީސާއެކު މަޝްވަރާ ކުރައްވާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ނިމްސްއާ ހަވާލުކޮށްގެން ހިންގަން ރަށު ކައުންސިލާއި ރައްޔިތުންވެސް ބޭނުން ނުވާކަން ރައީސްގެ އަރިހުގައި ދަންނަވާފައިވާނޭ ކަމަށްވެސް ލަޠީފް ވިދާޅުވިއެވެ.