ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ދިރިއުޅުއްވާ މއ.އެނިފް އިން ހަތިޔާރު ފެނުނުކަމަށް ބުނާ މައްސަލަ އަލުން ބެލުމަށް ނިންމާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން މިރޭ ހާމަކުރައްވާފައިވާގޮތުގައި މިމައްސަލަ އަލުން ބެލުމަށް ނިންމެވީ، އެކަމަށް އެދި ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައިވާތީކަމަށެވެ. އެހެންކަމުން މިމައްސަަލައިގެ ޝަރުޢީ މަރުޙަލާތަކުގެ މައްޗަށް ރިޢާޔަތްކޮށް އަލުން މައްސަލަ ތަހްޤީގުކުރުމަށް ފުލުހުން ނިންމާފައިވާކަމަށް ފުލުހުންގެ އިދާރާއިންވަނީ ހާމަކުރައްވާފައެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނުކަމަށްބުނެ އޭނާ ހައްޔަރުކުރީ 18 ޖެނުއަރީ 2014 ގައެވެ. މިމައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާ 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުމަށްފަހު ނާޒިމްގެ ފަރާތުންވަނީ އެމައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށް ދޭން ހުށަހެޅުއްވި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަދުވަހުގެރޭ އިއްވި ޙުކުމްގައި ބުނީ ނާޒިމްގެ މައްޗަށް އިއްވި 11 އަހަރު ދުވަހުގެ ޖަލުޙުކުމް ސާބިތުނުވާ ކަމަށް ނިންމީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ ކަމަށެވެ.
ޙުކުމްގައި ބުނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާގައި އެހެން މީހެއްގެ ޑީއެންއޭ ފެނުމަކީ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި އެކަމަކީ މައްސަލާއިގެ ޝަރީޢަތުގެ މަރުޙަލާގައި ނާޒިމްގެ ފަރާތުން އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއްކަމަށް ބުނެ ދެއްކި ވާހަކައަށް ބާރުލިބޭ ކަމެއް ކަމަށްވެސް ޙުކުމްގައި ބުނެފައިވެއެވެ. ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއެކު ފެނުނު ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއްކަން ސާބިތުކުރެވޭ ވަރަށް ދަޢުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށްވެސް ސުޕްރީމް ކޯޓުން އިއްވި ޙުކުމްގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމާއި އެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުން ކުރި ޙުކުމް ޤާނޫނީ އަދި ޝަރުޢީ ގޮތުން ގޯސް ޙުކުމެއް ކަމަށް ކަނޑައަޅައި އެ ޙުކުމް ބާތިލްކޮށްފައެވެ.
މިމައްސަލާގައި ނާޒިމް ހައްޔަރުކޮށް ކުރީގެ ސަރުކާރުން ނާޒިމް ފްރޭމްކުރިކަމަށް އޭނާގެ ފަރާތުން ބުނަމުންދާ މައްސަލަ ތަހުޤީގުކޮށްދިނުމަށް އެދި އޭ ފުލުހުންނަށް ހުށަހެޅުއްވީ މިދިޔަ ހޮނިހިރުދުވަހުއެވެ.