ޚަބަރު

އިޓަލީގެ އާ ސަފީރު ފަތްކޮޅު އަރުވައިފި


އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސިޒް ޖޫލިއާނާ މަންނޭލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، އިޓަލީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެ ސަފީރުކަމާ ޙަވާލުވެ ވަޑައިގަތުމާގުޅިގެން އެކަމަނާއަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިޓަލީއާ ދެމެދުގައި އޮތް ގުޅުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ރާއްޖެއިން ދެއްވާކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ އިޓަލީގެ ފަތުރުވެރިންގެ މެދުގައި ޒަމާނުއްސުރެ ރާއްޖެއަކީ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިޓަލީ ސަފީރާ ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ވަރުގަދަކުރެއްވުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ފަތުރުވެރިކަން ކުރިއަރުވައި، ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިޓަލީ ސަފީރު ވިދާޅުވީ އިޓަލީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމު ފުރުއްވުމަކީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.