ޚަބަރު

ކުޑަކުދިންނަށް އިހުމާލުވުން ހުއްޓުވޭނީ އެންމެން ގުޅިގެން- ސީޕީ


ކުޑަ ކުދިންނަށް އިހުމާލުވުމުގެ މައްސަލަ ގިނަ ވެފައިވާއިރު އެކަން ހައްލު ކުރުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ."ޖުވެނައިލް ޖަސްޓިސް"ގެ 16 ވަނަ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްދެއްވުމަށްފަހު ބައިވެރިންނާ މުޚާތަބް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ކުޑަ ކުދިންނަށް ދިމާވާ ކަންކަމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގަނެ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.ފުލުހުންގެ ތެރޭގައި ހިންގާ އެކި ޕްރޮގްރާމް ތަކުން އެދެވޭ ނަތީޖާ އެއް ފެންނަމުންދާކަން ފާހަގަ ކުރައްވާ ކޮމިޝަނަރ ވިދާޅުވީ، ކުށުގެ ވެށްޓަށް އިސްލާހީ ބަދަލްތައް އަންނަމުންދާތަން ފާހަގަ ކުރެވޭ ކަމާށް، އެގޮތުން ފާއިތުވެދިޔަ އަހަރަކީ، ކުށުގެ ވެށިން ކުޑަކުދިން މަދު ކުރެވުނު އަހަރެއް ކަމަށާއި، ރާއްޖޭގެ ވެށީގައި ކުޑަކުދިންނަށް އެކި ކަންތައް ދިމާވާއިރު، ޖުވެނައިލް ޖަސްޓިސް ފަދަ ޕްރޮގްރާމްތަކުން ލިބޭ ތަޖުރިބާ އަމަލީ ގޮތުން ބޭނުން ހިފަން ޖެހޭ ކަމަށެވެ.މާލެ އާއި އަތޮޅުތެރޭގައި ހިންނާ މި ތަމްރީން ޕްރޮގްރާމަކީ، ކުށުގެ ވެށިން ކުއްޖާ އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކަންތައް ކުރާނެ ގޮތާއި، ކުއްޖާއާ މުއާމަލާތް ކުރާނެ ގޮތާއި، ބަންދުގައި ހުންނަ ކުއްޖާއަ ދޭތެރޭ އަމަލު ކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.މި ޕްރޮގްރާމްގައި ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ، ކޯޓް ތަކާއި، ޕީޖީ އޮފީހުންވެސް ބައިވެރިވެއެވެ.