ޚަބަރު

ޑެންގޫ ކޮންޓްރޯލް ކުރުމުގައި ރައްޔިތުންނާއި ސަރުކާރު ގުޅުވައިދޭ ނިޒާމު ޤާއިމުކުރުމުގައި ރާއްޖެ އޮތީ ކުރީގައި


ޑެންގޫ ފަދަ ބަލިތަށް ކޮންޓްރޯލްކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ރަނގަޅު ނިޒާމެއް ބޭނުންވާއިރު، މިފަދަ ނިޒާމެއް ޤާއިމުކުރުމުގައި ރާއްޖެއޮތީ މި ސަރަހައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ކުރީގައިކަމަށް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު އަރްވިންދް މާތުރް ވިދާޅުވެއްޖެއެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބް މިހެން ވިދާޅުވީ މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް ތަންފީޒުކުރުމަށްޓަކައި އެކަމަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް ބ އަތޮޅު އޭދަފުށީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ މަންދޫބު އަރްވިންދް މާތުރް ވިދާޅުވީ، ދުނިޔޭގެ އާބާދީގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުންނަކީ މަދިރިން ޖެހޭ ބަލިތަކަށް ހުށަހެޅިފައިވާ ބައެއްކަމަށެވެ.

އަހަރުގެ އެކި ހިސާބުތަގައި ޑެންގޫ ކޮންޓްރޯލް ކުރަން ދަތިވާވަރަށް ފެތުރެމުންދާކަން ފާހަގަކުރައްވާ އަރްވިންދް ވިދާޅުވީ، ޑެންގޫ ފަދަ ބަލިތަށް ކޮންޓްރޯލްކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ރަނގަޅު ނިޒާމެއް ބޭނުންވާކަމަށެވެ. އެގޮތުން މި ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކަށް ބާރުތައް ދިނުމަކީ މި ނިޒާމު ޤާއިމުކުރުމަށް ފަސޭހަވެގެންދާނެކަމެއް ކަމަށެވެ. މި ސަބަބަށްޓަކައި މިފަދަ ނިޒާމެއް ޤާއިމުކުރުމުގައި ރާއްޖެއޮތީ މި ސަރަހައްދުގެ ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ކުރީގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޑެންގީ ފަދަ ބަލިތަށް ކޮންޓްރޯލްކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ރަނގަޅު ނިޒާމެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ވަރަށް އުފަލާއިއެކު ފާހަގަކުރަން ރާއްޖެ މި މަސައްކަތުގައި މި ސަރަހައްދުގެ ޤައުމުތަކާއި އަޅާބަލާއިރު އޮތީ ވަރަށް ކުރީގައި. އެގޮތުން ސަރުކާރުން ސަރުކާރުގެ އިދާރާތަކާއި ރަށްރަށުގެ ކައުންސިލްތަކާއި ތަފްޞީލީގޮތެއްގައި މަޝްވަރާކޮށްފައިވާއިރު، ވެކްޓަރ ކޮންޓްރޯލް ހޭންޑް ބުކްއަކާއި، ވެކްޓަރ ކޮންޓްރޯލް ގަވައިދުތަކެއް ހަދާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން." އަރްވިންދް ވިދާޅުވިއެވެ.

ޑެންގޫފަދަ ބަލިތަށް ކޮންޓްރޯލްކުރުމުގައި ޕްލޭންތަކާއި ތަމްރީން ޕްރޮގްރާމް ހިންގުމަކީ، މި ފަދަ ބަލިތަށް ކޮންޓްރޯލް ކުރުމުގެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރައްވާ އަރްވިންދް މާތުރް ވިދާޅުވީ، މި މަސައްކަތް އެންމެ އެކަށޭނަގޮތުގައި ތަންފީޒުކުރެވޭނީ ރަށްރަށުގެ ރައްޔިތުން އެމީހުންގެ ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށެވެ. އެގޮތުން އިމާރާތްތަށް ބިނާކުރުމާއި، ރަށްރަށުގެ ސާފުތާހިރުކަމާއި، ކުނި މެނޭޖުކުރުމުގައި ރައްޔިތުން މި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި މަސައްކަތް އެންމެ އެކަށޭނަގޮތުގައި ތަންފީޒުކުރެވޭނީ ރަށްރަށުގެ ރައްޔިތުން އެމީހުންގެ ފަރުދީ ޒިންމާ އަދާކޮށްގެން. އެގޮތުން ރަށްރަށުގެ ސާފުތާހިރުކަމާއި، ކުނި މެނޭޖުކުރުމާއި، އިމާރާތްކުރުމުގައި ރައްޔިތުން ސަމާލުވެއްޖެނަމަ ރާއްޖެއަކީ ޑެންގީ ނެތް ޤައުމަކަށް ވުމަސް ވަރަށް ފަސޭހަވެގެންދާނެ. މިހާރުގެ ސަރުކާރުގެ ލާމަރުކަޒީ ނިޒާމުގެ ސިޔާސަތަކީވެސް މިކަމަށް އިތުރު ފަސޭހަތަކެއް ލިއްބައިދޭކަމެއް." އަރްވިންދް ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި މަދިރި، މީދާ އަދި ވާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ޕްރޮގްރާމް އެކަށީގެންވާގޮތުގައި ކުރިއަށްގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ.