ޚަބަރު

ސޫދާންގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް އެއް މަސްދުވަސް- އަދިވެސް ޙައްލެއް ނުފެނޭ


ސޫދާންގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާތާ އެއްމަސްދުވަސް ވެފައިވާނަމަވެސް އެ މުޒާހަރާތައް ހުއްޓާލާނެކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. ބަދަލުގައި އާދިއްތަ ދުވަހުވެސް އެ ޤައުމުގައި ވަނީ ވަރުގަދަ މުޒާހަރާތައްކޮށް، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިންގާފައެވެ. ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ސޫދާންގައި މުޒާހަރާކުރަން ފެށީ، އެ ޤައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކާ ދެކޮޅަށެވެ.

މިގޮތުން، ތަކެތީގެ އަގު ބޮޑުވުމާ ފައިސާގެ ޢަދަދު މަދުވުން ފަދަ އިޤްތިޞާދީ މައްސަލަތައް ސޫދާނަށް ވަނީ ކުރިމަތިވެފައެވެ. ސޫދާނަށް މި އިޤްތިޞާދީ މައްސަލަތައް ކުރިމަތިވީ އެ ޤައުމުގައި ހުންނަ ތެޔޮވަޅުތަކުގެ ތެރެއިން ތިން ބައިކުޅަ އެއްބައި ސޫދާނަށް ގެއްލުމުނެވެ. މި ތެޔޮވަޅުތައް ގެއްލުނީ 2011 ވަނަ އަހަރު ދެކުނު ސޫދާން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ޤާއިމުކުރެވި، ވަކިވެގެން ދިޔައިރު މީގެ ތެރެއިން ގިނަ ތެޔޮ ވަޅުތައް ދެކުނު ސޫދާންގެ ސަރަހައްދަށް ދިއުމާއެކުގައެވެ.

2017 ވަނަ އަހަރު އެމެރިކާއިން ވަނީ، ކުރިން އެ ޤައުމުގައި އޮތް ދާޚިލީ ހަނގުރާމައާ ގުޅިގެން ސޫދާނާ ދެކޮޅަށް އެޅި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. އެހެންނަމަވެސް އަދިވެސް އިންވެސްޓަރުންގެ އިތުބާރު އެ ޤައުމަށް ލިބިފައެއް ނުވެއެވެ. އިޤްތިޞާދީ މައްސަލަތަކާ ދެކޮޅަށް ފެށި މުޒާހަރާތައް މިހާރު މިވަނީ ރައީސް ޢުމަރް ޢަލް ބަޝީރުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.

1989 ވަނަ އަހަރު ސޫދާނަށް ގެނައި އަސްކަރީ އިންޤިލާބަށްފަހު ސޫދާންގެ ރިޔާސަތާ ހަވާލުވެވަޑައިގެން އަލްބަޝީރަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން ވެރިކަން ކުރައްވަމުން ގެންދަވާ ރައީސެވެ. އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިން ވަނީ އަލްބަޝީރު މަޤާމުން އިސްތިއުފާ ދެއްވާ އެ ޤައުމުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ތަކުރާރުކޮށް ގޮވާލާފައެވެ.

އާދިއްތަ ދުވަހު ސޫދާންގައި ބޭއްވި މުޒާހަރާތަކުގައި އެއްވި މީހުންނާއި، އެ ޤައުމުގެ ސަލާމަތީ ބާރުތަކާ ދެމެދު ވަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އެއްވި މީހުން އެ ސަރަހައްދުން ފައްސާލުމަށް ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހާއި ލައިވް ވަޒަންވެސް ބޭނުންކޮށްފައިކަމަށެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ސައްބީސް މީހުން މަރުވެފައިވާކަމަށް ސޫދާންގެ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް އެ ޤައުމުގައި އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ފަރާތްތަކުން ބުނެފައިވަނީ މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު ސާޅިސް ހައަކަށް އަރާނެކަމަށެވެ.

އާދިއްތަ ދުވަހު އެ ޤައުމުގައި ބޭއްވި ޙަފުލާއެއްގައި ވާހަކަދައްކަވަމުން ރައީސް އަލްބަޝީރު ވަނީ އެ ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ބަހަށް ސިހި، މަޤާމުން އިސްތިޢުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ސޫދާންގައި ވެރިކަންކުރަނީ، އެ ގައުމުގެ ރައްޔިތުންގެ އިޚުތިިޔާރު އޮތް ސަރުކާރަކުން، އެ ފަރާތްތަކުން ބޭނުންވާ ގޮތަށް ކަމަށާއި، ސޫދާންގެ ރައްޔިތުން އެދޭ ގޮތް އެނގިގެންދާނީ އަންނަ އަހަރު އެ ގައުމުގައި ބާއްވާ އިންތިޚާބުގައި ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.