ވިޔަފާރި

ޖީއެމް ފޯރަމްގެ ސިލްވަރ ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް


ހޮޓެލިއަރ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ ޖީއެމް ފޯރަމްގެ ސިލްވަރ ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައިފިއެވެ.

ދިވެހި އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ދޭން ފެށި އަމިއްލަ ދެވަނަ ކުންފުންޏެވެ. ދިވެހި އިންޝުއަރެންސް ކުންފުނިން ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ރިސޯޓުތަކުގައި ޖެނެރަލް މެނޭޖަރުންގެ މަޤާމުގައި މަސައްކަތްކުރާ މީހުނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ފޯރަމެކެވެ. މިއަހަރުގެ ޖީއެމް ފޯރަމް، އޭޕްރިލް މަހުގެ 3 ވަނަ ދުވަހު، ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ ނިޔަލަށް މި ފޯރަމްގައި ރަޖިސްޓަރވުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ހޮޓެލިއަރ މޯލްޑިވްސްއިން ބުނީ، މި ފޯރަމްގެ މަޤްޞަދަކީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުން އެއް ތަނަކުން ބައްދަލުވެ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ޙައްލު ހޯދުން ކަމަށެވެ. އަދި މި ފޯރަމްގައި، ފަތުރުވެރިކަމުގެ ސިނާޢަތާއި ގުޅުންހުރި މުހިއްމު މައުޟޫތަކަށް އަލިއަޅުވާލައި، މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ފޯރަމްގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މި ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.