ޚަބަރު

ލޭބަރ ޕާޓިންވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމައިފި


އިލްކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އަލަށް މިއަދު ހިމެނުއްވި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެކަން އެޕާޓިން ހާމަކޮށްފިއެވެ.

ލޭބަރ ޕާޓީގެ ފަރާތުން ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސްގައި އެޕާޓީގެ ތަރުޖަމާން މަޢުރޫފް ޛާކިރު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީގެ ފަރާތުން ދިހައެއް ނުވަތަ ފަނަރަ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، ޕާޓީން ޓިކެޓް ދޭނީ އެޕާޓީގެ ވަގުތީ ކައުންސިލް ކޮމިޓީން މަޝްވަރާކުރުމަށްފަހުކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމުގައި އެޕަޓިން އިސްކަންދޭނީ މަސައްކަތްތެރިންގެ ހައްޤުތައް ހޯދައިދިނުމަށް، ވަކާލާތުކުރާ ފަރާތްތަކަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިންވެސް ލޭބަރ ޕާޓީން ޤަބޫލުކުރާ އުސޫލުތަކާއި، މަސައްކަތްތެރިންގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާ ކެނޑިޑޭޓުންނަށް އެޕާޓިން ތާޢީދުކުރާނެކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

"މިޕާޓީން ޤަބޫލުކުރާ އުސޫލްތައް ދަމަހައްޓައި މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކާއެކު މިޕަޓީން މަސައްކަތްކޮށް ސަރުކާރަށް އެހީތެރިކަން ދޭނަން. އެކަމަކު މަސައްކަތްތެރިންގެ ހައްޤުތަކާ ދުރު އަދި ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ބާރު ދިވެހި މަސައްކަތްތެރިންގެ މައްޗަށް ފޯނަމަ ސަރުކާރާ ދެކޮޅަށްވިޔަސް މިޕާޓިން ދެކޮޅުހަދާނަން." މައުރޫފް ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ލޭބަރ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ޙަސީން ވިދާޅުވީ، އެޕާޓީއަކީ ވަކިމީހެއްގެ ފަހަތުގައި ވަކިސިޔާސީ ފިކުރަކަށް ތާޢީދުކޮށް މަސައްކަތްކުރާނެ ޕާޓީއެއް ނޫންކަމަށެވެ. މަސައްކަތް ތެރިންގެ ހައްޤުގައި އެޕާޓީއާއެކު ކޮންމެ މީހަކަށްވެސް މަސައްކަތްކުރެވިދާނެކަމަށާއި، ނުފޫޒުގަދަ ވިޔަފާރިވެރިންނާއި މަހުޖަނުންގެ ނުފޫޒުގައި ސިޔާސީ ޕާޓީތައް މަސައްކަތްކުރުން ނިމުމަކަށްގެންނަންޖެހޭކަމަށާ، އެފަދަ ނުފޫޒްގަދަ މީހުންގެ ފަހަތުގައި އެޕާޓީން މަސައްކަތްނުކުރާނެކަމަށް ހަސީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިޕާޓީއަކީ އެހެން ސިޔާސީ ޕާޓީއަކާ ތަފާތަކެއް ގެނުވާނެ ޕަޓީއެއް. ރާއްޖޭގައި ސިޔާސީ ޕާޓީއަށް މިހާތަނަށް ހިންގަމުން އައިސްފައިވާގޮތަށް ޕްރައިވެޓް ކުންފުންޏެއްގޮތަށް ނޫނީ އެއްވެސް ވިޔަފާރިއވެރިއެއް ނުވަތަ މަހުޖަނުންގެ ފަހަތުގައި މަސައްކަތްކުރުމަށް ނިމުމެއް ގެންނާނެ ޕާޓީއެއް." ހަސީން ވިދާޅުވިއެވެ.

ލޭބަރ ޕާޓިން ވަނީ އެޕާޓީއަށް ލިބޭ ޢާމްދަނީއާއި ކުރާ ޚަރަދުތައް މީޑީއާ މެދުވެރިކޮށް ޢާންމުކުރާނެކަންވެސް ހާމަކޮށްފައެވެ. އެގޮތުން ޕާޓީ ހިންގާނީ އެޕާޓީއާއެކު މަސައްކަތްކުރާ އެކި މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާއި ޔޫނިއަންތަކާއެކު، އެފަރާތްތަކުން ދޭ އެހީތެރިކަމާއެކުކަމަށްވެސް އެޕާޓީން ބުނެއެވެ. ކުރިއަށް އޮތްތަނުގައި ޕާޓީއަށް ފައިސާ ހޯދުމަށް ކޮންމެ މެންބަރަކުވެސް ފީއެއް ދައްކާގޮތައް ލީޑަރޝިޕުން ނިންމާފައިވާކަމަށްވެސް ލޭބަރ ޕާޓީން ބުނެއެވެ. އެޕާޓީއާއެކު މިހާތަނަށް މަސައްކަތްކުރުމަށް ނިންމާފައިވާ ޖަމިއްޔާތަކުގެ ތެރޭގައި، ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަނާއި، ކަނޑުދަތުރުގެ ދާއިރާގައި ޙަރަކާތްތެރިވާ މަސައްކަތްތެރިންގެ ޖަމްޢިއްޔާއިންނާއި، ޓިޗަރުންގެ ހައްޤުގައި މަސައްކަތްކުރާ ޖަމްޢިއްޔާގެ އިތުރުން އެހެނިހެން ބައެއް ޖަމްޢިއްޔާތައްވެސް އެޕާޓީއާއެކު މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށް ލޭބަރ ޕާޓީން ބުނެއެވެ.