ޚަބަރު

ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ - އެމްޕީ ލަތީފް


ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ފަރާތްތަކަށްވެސް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ލަތީފް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ފަރާތްތަކެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި މައްސަލަތަކެއް އުޅުނު ކަމުގެ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސިޔާސީ ޕާޓިތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދީ އޭރު ސަރުކާރު ހިންގި ޕީޕީއެމްގެ ފަރާތުންނެވެ. އެގޮތުން 2016 ވަނަ އަހަރު އެޕާޓީން އެކަން ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނެސްގެންނެވެ. އެހެން ނަމަވެސް އެ އިސްލާހު އުވާލުމަށް މެމްބަރު ލަތީފް ވަނީ ހުށަހަޅުއްވާފައެވެ. އަދި މަޖިލީހުން ވަނީ އެކަން ބަލައިގެންފައެވެ.

މެމްބަރު ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވިޔަސް އެއްވެސް ފަރާތަކުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް އޭނާ ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ވެސް އިންތިހާބު ތަކުގައި ވާދަ ކުރެވޭނެ ކަމަށެވެ. އެއާއެކު އެ އިސްލާހު ފާސްކުރުމަށް ހުރިހާ ފަރާތަކެއްގެ އެހީތެރިކަމަށް އޭނާ ވަނީ އެދިލައްވާފައެވެ.

ސިޔާސީ ޕާޓިތަކުގެ ޕްރައިމަރީން ބަލިވާ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަ ނުކުރެވޭ އިސްލާހު އުވާލުމަށް ލަތީފް ހުށަހަޅުއްވާފައިވާއިރު، އޭނާ ވަނީ ރައީސްކަން ކޮށްފައިވާ ފަރާތްތަކަށްވެސް މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއާއެކު ބައެއް ޕާޓީތަކުން ވަނީ އެކަމާ ކަންބޮޑު ފާޅުކޮށްފައެވެ.