ދުނިޔެ

މިންސްކްގައި ބޭއްވުނީ އުނދަގޫ މަޝްވަރާތަކެއް -ޕޮރޮޝެންކޯ


ޔޫކްރެއިންގެ އިރުމަތީގައި ހަމަލާތައް ބަދަލުކުރުމާ ބެހޭ ގޮތުން މިންސްކްގައި ޤާއިމުކުރި އެއްބަސްވުމަކީ އުނދަގޫ މަޝްވަރާތަކަކަށް ފަހު ޤާއިމުކުރި އެއްބަސްވުމެއް ކަމަށް ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ވިދާޅުވެއްޖެއެވެ.ބެލަރޫޝިޔާގެ މިންސްކްގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕޮރޮޝެންކޯ ވިދާޅުވީ، މި މަޝްވަރާތަކުގައި ޔޫކްރެއިންގެ ސަރުކާރަށް ޤަބޫލުކުރަން އުނދަގޫ އެތައް މާއްދާއެއް މަޝްވަރާގެ މޭޒަށް ހުށަހެޅުނު ކަމަށެވެ. މީގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން ފޭބުން ފަދަ ޝަރުތުތައް ހިމެނޭ ކަމަށާއި އެހެން ނަމަވެސް މިއިން އެއްވެސް ޝަރުތެއް ޔޫކްރެއިންގެ ސަރުކާރުން ޤަބޫލު ނުކުރާ ކަމަށެވެ.ޔޫކްރެއިންގެ ރައީސް ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލާ ހަމަލާތައް ހުއްޓާލުމަށް ޔޫކްރެއިނުން ހުށަހެޅި ކަމަށާއި މިކަން ހުރިހާ ފަރާތަކުން ޤަބޫލުކޮށްފައިވާ ކަމަށެވެ.ޕޮރޮޝެންކޯ ވަނީ ޔޫކްރެއިންގައި ހަރަކާތްތެރިވާ ބޭރުގެ ހުރިހާ ފަރާތަކުން މިހާރުން މިހާރަށް އެގައުމުގެ ސަރަހައްދުން ފައިބަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.