ޚަބަރު

ބޯފެން މަދުވެ 50 ޓަނުގެ ފެނަށް ނެއްލައިދޫ ކައުންސިލުން އެދިއްޖެ


ހދ. ނެއްލައިދޫއިން ވާރޭފެން ހުސްވާތީވެ 50 ޓަނުގެ ސާފު ބޯފެން ނެއްލައިދޫއަށް ފޯރުކޮށްދިނުމަށް ކައުންސިލުން އެދިއްޖެއެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ ބޯފެން ފޯރުކޮށްދިނުމަށް އެދިފައި ވަނީ ރަށުގައި ރައްކާކޮށްފައިހުރި ފެނުގެ ރިޒާރވް ވަރަށް ބޮޑަށް މަދުވެފައިވާތީ ފެެނަށް ޖެހުމުގެ ބިރުވެރިކަން އޮތުމުންކަމަށެވެ. އެރަށުގައި މިހާރު ފެން ރައްކާކުރަނީ ރައްވެހިގޭގައި ބަހައްޓާފައި ހުންނަ 5000 ލިޓަރުގެ 14 ކަޅުހަމުގައެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދުވާލެއްގެ މައްޗަށް 1.7 ޓަނުގެ ސާފު ބޯފެން ބޭނުންވާ ކަމަށާއި، 50 ޓަނުގެ ފެނަށް އެދިފައިވާނީ ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ.

ނެއްލައިދޫއަކީ އާރުއޯ ޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށްވެސް ނެއްލައިދޫ ކައުންސިލުން މައުލޫމާތުދެއެވެ. ނަމަވެސް މިކަމުގެ އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެއެވެ. ނެއްލައިދޫއަކީ އަބާދީގައި 1323 މީހުން ދިރިއުޅޭ ރަށެކެވެ.