ދުނިޔެ

އަލް-ޖަޒީރާގެ ދެ ނޫސްވެރިންގެ ކަފާލާތުގެ ދަށުން މިނިވަން ކޮށްފި


ޓެރަރިސްޓް ޖަމާޢަތަކަށް އެހީވި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ އަލް-ޖަޒީރާގެ ދެ ނޫސްވެރިންގެ ޝަރީޢަތް އަލުން ހިންގާ މުއްދަތަށް، އެ ދެމީހުން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް މިޞްރުގެ ކޯޓަކުން ނިންމައިފިއެވެ.އަލްޖަޒީރާގެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ފަހްމީއާއި ބަހާރް މުޙައްމަދު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.އެމީހުންނާއެކު، އޮސްޓްރޭލިޔާއަށް އުފަން ޕީޓަރ ގްރެސްޓް ވެސް ހައްޔަރު ކުރިއެވެ. އެހެންނަމަވެސް އޭނާ މިހާރު ވަނީ މިނިވަން ވެ އަމިއްލަ ގައުމަށް އެނބުރި ގޮސްފައެވެ.ކަފާލާތުގެ ދަށުން މި ދެމީހުން މިނިވަން ކުރުމަށް މިޞްރުގެ ކޯޓަކުން ހުކުމް ކުރީ މިއަދު އޮތް އަޑު އެހުމެއްގައެވެ.މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މި ޝަރީޢަތުގެ އަޑު އެހުމެއް ދެން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށް ވެސް ބުނެފައެވެ.މިޞްރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިޞްރުގައި ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތަކަށް އަލްޖަޒީރާގެ ނޫސްވެރިން އެހީވެފައިވާ ކަމަށާ މި ޖަމާޢަތުގެ ޚަބަރު އެމީހުން ފެތުރި ކަމަށެވެ.މި ޖަމާޢަތަކީ މިޞްރުގެ ކުރީގެ ރައީސް މުޙައްމަދު މޫރްސީ ނިސްބަތްވެވަޑައިގެންނަވާ މުސްލިމް ބްރަދަހުޑް ޕާޓީއެވެ.