ޚަބަރު

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ ޑިޒައިނަށް ބަދަލުގެންނަނީ


ކުރީ ސަރުކާރުން ފަށާފައިވާ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ބަދަލުތަކެއް ގެނައުމަށް އެޗްޑީސީން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ރައްޔިތުން ދިރިއުޅެން އަޅާ ފްލެޓްތަކަކީ އާއިލާތަކަށް ހިތްހަމަޖެހިގެން އުޅެވޭގޮތައް ހުންނަ ތަންތަންކަމުގައި ހަދައިދޭނެކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ހުޅުމާލޭގައި 7000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް ދެ ކޮޓަރިއާއި އެއްކޮޓަރީގެ އެޕާޓްމަންޓްތަކަކީ އެންމެ އެކަށީގެންވާ ގޮތުގައި އާއިލާއަކަސް އުޅެވޭނެ ޕްލެޓްތަކަށް ނުވާނެކަމަށް ޤަބޫލުކުރެވޭތީ، މިހާތަނަށް މަސައްކަތް ނުފަށައި ހުރި ފްލެޓް އިމާރާތްތަކުގައި 3 ކޮޓަރީގެ އެޕާރޓްމަންޓްތައް ހެދުމަށް ހައުސިން މިނިސްޓްރީއާއި އެޗްޑީސީން މަޝްވަރާކޮށްފައިވާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް 2 ގައި 25 ބުރީގެ 16 ޓަވަރު އިމާރާތްކުރަމުންދާއިރު ކޮންމެ ޓަވަރެއްގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެންމެ 3 ލިފްޓެވެ. އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި، ޑިޒައިނަށް ބަދަލު ގެނެސް ލިފްޓްތައް އިތުރުކުރެވެން އޮތްނަމަ އެކަން ކުރައްވާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ މި 7000 ހައުސިންގ ޔުނިޓަކީ "ހިޔާ" މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓްތަކެކެވެ. 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުތަކުގެ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ބައެއް ޓަވަރުތަކުގެ މަސައްކަތް އަދި ނުފަށައެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.