ޚަބަރު

ލޭބަރ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފި


މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީވިކަމުގެ ސެޓްފިކެޓް އެޕާޓީއާ ހަވާލުކުރައްވާފައިވާކަމަށެވެ.

މޯލްޑިވްސް ލޭބަރ އެެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހުއެވެ. އެމްޑީޕީގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލު ޢަބްދުﷲ ހަސީން އިސްވެ ހުންނަވައި އުފެއްދި މި ޕާޓީ އުފެއްދުމަށް 3000 މެންބަރުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނާ ފޯމްތައް ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހުގައެެވެ. މިއާއެކު ލޭބަރ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ އިފްތިތާހީ ޖަލްސާ މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބާއްވައި، އެ ޕާޓީގެ ވަގުތީ ލީޑަރޝިޕް ކޮމިޓީ ވަނީ އިންތިޚާބުކޮށްފައެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ލޭބަރ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމާއެކު ރާއްޖޭގެ ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ އަދަދު 8 އަށް އަރާނެއެވެ.

އެއީ އެމްޑީޕީއާއި، ޕީޕީއެމާއި، އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީއާއި އަދާލަތު ޕާޓީއާއި ދާދި ފަހުން އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކޮރެޓްސް އާއި މިއަދު ރަޖިސްޓްރީ ކުރި ލޭބަރ ޕާޓީއެެވެ.