ޚަބަރު

މޫދަށް އެރޭއިރު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފުލުހުން އިލްތިމާސް ކުރައްވައިފި


މިދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މޫދަށް އެރިއުޅުމުގައި އިތުރަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއަޅުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ. ފުލުހުން ވިދާޅުވީ މިހާރަކަށްއައިސް މޫދަށް އެރިއުޅޭ ފަތުރުވެރިންނަށް ދިމާވަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން މިހާރު ފަށްޓަވާފައިވާކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކިސަރަހައްދުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް ރިޕޯޓްކުރެވޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވައި ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ވިދާޅުވީ، މޫދުގައި ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާ ގުޅިގެން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހފައިވާކަމަށެވެ. އަދި މިފަދަ ޙާދިސާތައް މަދުކުރުމުގެ މަސައްކަތް ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދަށް އެރި އުޅުމާއި މޫދުގައި އެކިއެކި ކުޅިވަރުގެ ހަރާކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން މޫދަށް އެރިއުޅުމުގައި ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިހާރަކަށް އައިސް ރާއްޖޭގެ އެކި ރިސޯޓުގައާއި، ބައެއް ރަށްރަށަށް އަންނަ ފަތުރުވެރިން އެކިއެކި ކަންކަމުގައި މޫދަށްއެރި އުޅުމުގައި ގެނބިގެންނާއި، ޑައިވިން އާއި ސްނޯކްލިންގ ކުރުމުގެ ތެރޭގައި ދިމާވާ ހާދިސާތަކުގައި މަރުވުން ވަނީ އިތުރުވެފައެވެ.