ޚަބަރު

ކޯލިޝަނުގެ އެއްބަސްވުމުގެ މައްސަލަ ރައީސަށް ވެސް ޙައްލުކޮށް ނުދެވުނު - ޤާސިމް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަން އެކުގައި ވާދަކުރުމަށް ކުރިން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރުމާމެދު ރައީސް ޞާލިޙާ މަޝްވަރާ ކުރެއްވިކަމަށާ، އެހެން ނަމަވެސް އެމްޑީޕީން އެގޮތަށް ޢަމަލު ނުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅިވަޑައިގެންނެވި ބައެއް މީހުންގެ މެމްބަރޝިޕް ފޯމު ހަވާލުކުރުމަށް މ.ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޤާސިމް ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި މައްސަލަތައް އުފެދުނީ ކުރިން އެއްބަސްވެފައިވާ ވަޢުދަކާ ޚިލާފުވުމުންކަމަށެވެ. އެގޮތުން ޕާޓީތަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް އުސޫލުތަކެއް ކަނޑައެޅުމަށްފަހު، އެމްޑީޕީން އެ އެއްބަސްވުމާ ޚިލާފަށް ކަންތައްތަކެއް ކުރަމުންދާ ކަމަށް ޤާސިމް ތުހުމަތުކުރެއްވިއެވެ.

"ރައީސް ޞާލިޙް ވެސް ވިދާޅުވީ ތިމަންނަ އާއި ނަޝީދާ ދެބޭފުޅުން އެމްޑީޕީގެ ޤައުމީ މަޖިލީހަށްގޮސް އެގޮތް ބަދަލު ކުރަން އެދުނަސް ނުކޮށްދޭނެއޭ. އެހެންވެ އެހިސާބުން އަޅުގަނޑު ދެންނެވީ އެހެންތޯއޭ. އެހެންކަމަށް ވަންޏާ ވަރަށްދެރައޭ. އަޅުގަނޑުމެން ބޭނުންވަނީ އެއްބަސްވުމާ އެއްގޮތަށް ދާށޭ."

ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް ވާދަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ވަކިގޮތެއް ނުނިންމައި ލަސްކުރީ ޕާޓީތަކަށް ވަކިގޮތަކަށް އެއްބަސް ނުވެވޭތީ ކަމަށެވެ. އަދި އެކަމަށް ހައްލެއް ނުގެނެވުމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކަމަށާ، އެފުރުސަތު އަދިވެސް ހުޅުވާލާފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވަން ކޯލިޝަން ނެތެކޭއެއް. އަސްލަކީ އަޅުގަނޑުމެން ބިނާކުރި ލިޔުމުގެމައްޗައް ޢަމަލުކޮށް ވެރިކަންކުރުން. ނަމަވެސް ވަކި ހިސާބަކަށް ދިޔުމުން އޭތިކަނޑައި އެއްލައިލީމަ ދެންކޮބައިތޯ؟ އެބައޮތްތޯ؟"

ކޯލިޝަން ދެމިއޮތްތޯ ޤާސިމް ސުވާލު ކުރެއްވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ޕާޓީތަކުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަންތައްތަކެއްކޮށް ޖުމްހޫރީ ޕާޓީ މަގުމައްޗަށް އެއްލާލުމުން އެހެން ޕާޓީތަކެއްގެ ކައިރިޔަށްވެސް ދާންޖެހޭކަމަށެވެ. އެގޮތުން ޤައުމާއި ރައްޔިތުންގެ ހައްޤުގައި އަދި އެންމެ މަސްލަހަތު އޮތް ގޮތަކަށް ކަންކަން ކުރުމުގައި ޖުމްހޫރީ ޕާޓީން ފަސްނުޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.