ރ.އިނގުރައިދޫ ސްކޫލް ކުދިންނާއި ޢާއްމުނަށް ހުޅުވާލައިގެން ދިވެހި ބަހުގެ ޚާއްސަ ކޯސްތަކެއް ފަށައިފިއެވެ.
މިއަހަރު ޅެންވެރިކަމުގެ ދުވަސް ކުލަގަދަކޮށް ރ.އިނގުރައިދޫގައި ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ދުވަހާއި ގުޅުވައިގެން ރ.އަތޮޅުގެ ހުރިހާރަށަކަށް އަމާޒުކޮށް ކުރިއަށްގެންދާ މި ކޯސްތަކުގެ ތެރޭގައި ޅެން ހަދަން ދަސްކޮށްދިނުމާއި ދިވެހި ލިޔުމުގެ އެކި ބައިތަކަށް ޚާއްސަ ކޯސްތައް ހިމެނެއެވެ. އަދި ދިވެހި ބަހުގެ ހަމަތަކާއެއްގޮތަށް މުޢާމަލާތްކުރުމުގެ އުސޫލުތަކާއި ދިވެހި ބަހުން ރަސްމީ ސިޓީ ލިޔާނެގޮތް ބައިވެރިންނަށް ކިޔައިދިނުމަށްވެސް ހަމަޖެހިފައިވާކަމަށް ބަހުގެ އެކެޑަމީން މަޢުލޫމަތުދެއެވެ.
ރ.އަތޮޅު އިނގުރައިދޫ ސްކޫލްގައި މިމަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ މިކޯސްތަކުގައި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިކޯސްތަކުގައި ކިޔަވައިދެއްވާނީ ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު ބޭފުޅުންކަމަށް އެ އެކެޑަމީން ބުނެއެވެ.
ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މިކޯސްތަކުގައި ބައިވެރިވެ ކޯހަށް ކަނޑައާޅާފައިވާ ވަގުތު ހަމަކުރާ ފަރާތްތަކަށް ކޯސް ފުރިހަމަކުރިކަމުގެ ސެޓުފިކެޓެއް ދޭނެކަމަށްވެސް ބަހުގެ އެކެޑަމީން ބުނެއެވެ.
ޅެންވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސްކޫލް ކުދިންގެ މެދުގައި ޅެންމާފާނު މުބާރާތެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 20 އިން ފެށިގެން 26 އަށް ތަފާތު އެކި ޙަރަކާތްތައް ޅެންވެރިންގެ ދުވަހާއި ގުޅިގެން އިންގުރައިދޫގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިޙަރަކާތްތަކުގައި ރ.އަތޮޅުގެ ގިނަ ރަށްތަކަކުން ބައިވެރިވެއެވެ.
ކޮންމެ އަހަރެއްގެ ޖެނުވަރީ 15 ވަނަ ދުވަހަކީ ޅެންވެރިންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ ދުވަހެވެ. މިއަހަރު ޅެންވެރިކަމުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރ.އިނގުރައިދޫގައެވެ. މިއަހަރު ފާހަގަކުރަމުންދާ 30 ވަނަ ޅެންވެރިންގެ ދުވަސް ޚާއްސަކޮށްފައިވަނީ އަލްމަރުޙޫމް ޔޫސުފް މުޙައްމަދުފުޅަށެވެ.