ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންފާރު އުސްކުރުމުގެ މަސައްކަތް ފަށައިފި


ސަލާމަތީ ސަބަބުތަކަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބައެއް އިންފާރުތައް އުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކުރިން ގާތްގަނޑަކަށް ހަތަރު ފޫޓަށް ރާނާފައިވާ މަޖިލީހުގެ ވަށާފާރުން މިހާރު އުސްކުރުމުގެ މަސައްކަތް ފަށާފައިވަނީ ހަކުރާ ގޯޅިއާއި ސިއްކަ ގޯޅި ހިމެނޭ މަގަށްވާގޮތަށް ހުންނަފާރެވެ.

މިކަމާ ގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވީ، ފާރުތައް އުސްކުރަނީ އަށް ފޫޓައްކަމަށާ އެމަސައްކަތަކީ މިއަހަރަށް މަޖިލިސް ހުޅުވެންވާއިރަށް މަޖިލިސް އިދާރާ މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މަސައްކަތެއްކަމަށެވެ. އަދި ކުރިން ހުރި މިނަށްވުރެ ފާރުތައް އުސްކުރަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އަންނަ ފެބްރުއަރީ ހަތްވަނަދުވަހު ބާއްވާނެކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާއިރު، މަޖިލިސް މިއަހަރަށް ހުޅުވެންވާއިރަށް މަޖިލިސްގެ މައި އިދާރާގެ އާބާތުރަ ފިލުވުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް، ކުލަލުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.

މިމަސައްކަތް ކުރަމުންދަނީ ސިފައިންގެ އެކުވެރި ކުންފުނި "ސިފްކޯ"އާ ހަވާލުކޮށްގެން މަޖިލިސް އިދާރާގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާދެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުންނެވެ.