ޚަބަރު

ޓްރާންސިޝަނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި


މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 23 ވަނަދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ރައީސް އިބްރާހީޟް މުޙައްމަދު ޞާލިޙް ކާމިޔާބުކުރެއްވުމާއެކު، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް އުފެއްދެވި ޓްރާންސިޝަނަލް އޮފީހުން އެކުލަވައިލެއްވި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

މި ރިފޯޓް އެމަނިކުފާނަށް އެރުވީ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހެންވޭރު ސީވީޑް އަޙްމަދު ލަޠީފެވެ.

ޓްރާންސިޝަނަލް ރިޕޯޓް ތައްޔާރުކޮށްފައިވަނީ‏ ޓްރާންސިޝަނަލް އޮފީހުން އެކުލަވާލެއްވި ކޮމިޓީތަކުން ސަރުކާރުގެ ވުޒާރާތަކާއި އެކިއެކި އިދާރާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ހޯއްދަވައިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކުރައްވައިގެންނެވެ.

ޓްރާންސިޝަނަލް އޮފީހަކީ ވެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން އުފައްދަވާފައިވާ އޮފީހެކެވެ.
2010 އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްޙޫރިއްޔާކަމުގެ މަޤާމަށާއި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުވާ ފަރާތެއް އެދިއްޖެނަމަ ރައީސުލްޖުމްޙޫރިއްޔާ ބޭނުންކުރެއްވުމަށް އެކަށީގެންވާ އޮފީހަކާއި އެ އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހަމަޖައްސައިދިނުމާއި އޮފީހަށް ބޭނުންވާ މުވައްޒަފުންނާއި އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތް ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ހަމަޖައްސައި ދެއްވަންޖެހޭނެ ކަމަށެވެ.

މި ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވާ ބޭފުޅަކު އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުންނެވެ.