ޚަބަރު

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިން މީހުން އަދިވެސް ނުފެނޭ


ކ. ތިލަފުށިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ކޮޅުވެއްޓިން ގެއްލުނު ތިން މީހުން އަދިވެސް ނުފެންނަ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.'' ކޮރަލް ކްރާފްޓް '' ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި އޮއްވާ ކަންނެލި މަސްދޯންޏަކަށް ފެނިފައިވަނީ ބ.ގޮއިދޫ ހުޅަނގު ފަރާތު 30 ހަކަށް މޭލު ބޭރުންނެވެ.މި ޙާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިވެއްސެއްގެ އިތުރުން ބަންގްލަދޭޝްގެ ދެމީހުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއްވައެވެ. އަދި ކޮޅުވެއްޓިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ކަންނެލި ދޯންޏަކަށް ނަގާފައިވާއިރު، އެ ދެމީހުން އޭދަފުއްޓަށް ގެންދިއުމަށްފަހު ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ. އަދި އެމީހުންގެ ޙާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.އެމްއެންޑީއެފް އިން މިއަދު ދެއްވި މީޑިޔާ ސްޓޭޓްމަންޓެއްގައި ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ ވިދާޅުވީ، ކޮޅުވެއްޓި ބަންޑުންޖަހާލުމުން އޭގައި ތިބި އެންމެންވެސް މޫދަށް ފުންމާލީ ލައިފް ޖެކެޓް ނާޅާކަމަށެވެ.ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން ކޯސްޓުގާޑަށް އަންގާފައިވަނީ އިއްޔެ ހެނދުނު ކަމަށާއި އެމައުލޫމާތު ލިބުމާއެކު އެތައް ގޮތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން މިއަދު ބުނެފައިވެއެވެ.