ޚަބަރު

ތިލަދުންމައްޗަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަޝްވަރާކޮށްފި


ތިލަދުންމައްޗަށް ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ހދ. ކުޅުދުއްފުށީ ކައުންސިލާއެކު އިއްޔެ ބޭއްވި ބަދައްލުކުރެއްވުމެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ވަނީ ހދ. އަތޮޅުގައި ރާއްޖޭގެ ނިސްބަތުން ޓޫރިޒަމްގެ ސިނާޢަތް އެކަށީގެންވާ މިންވަރަކަށް ފުޅާކުރެވިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ތިލަދުންމައްޗަށް ޓޫރިޒަމް ފުޅާކުރުމަށް މިނިސްޓްރީން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ގެންދަވަނީ މާލެސިޓީއަށް ވަޑައިގެން އެރަށު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް ދިމާވެފައިވާ މައްސަލަތައް ދައުލަތުގެ ވުޒާރާތަކާ ޙިއްޞާ ކުރައްވަމުންނެވެ. ކުޅުދުއްފުށީ ކައުންސިލްގެ ނާއިބު ރައީސް ޢަލީ ހާޝިމް ވިދާޅުވީ މި ދަތުރުގައި ކުޅުދުއްފުއްޓަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި، މިހާރު ކުރިއަށް ނުގޮސް ހުއްޓިފައިވާ މަޝްރޫޢުތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މި ދަތުރުގައި ކުޅުދުއްފުށީ ކައުންސިލްގެ 5 މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފަިއވާކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ.