ޚަބަރު

ތަހްގީގަށް ހުރަސްނޭލޭ ގޮތަށް ހަބަރު ފެތުރުމަށް ގޮވާލައިފި


ވ. ރަކީދޫގައި އިހާނެތި ގޮތަކަށް އަނިޔާކޮށް މަރާލާފައި އޮއްވާ ފެނުނު ތިން އަހަރުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި، ބައެއްފަރާތްތަކުން ޚަބަރު ފަތުރަމުންދާގޮތުން ތަޙްޤީގަށް ހުރަސް އެޅެމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ބުނެފިއެވެ.އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިބްތިހާލްގެ މަރުގެ މައްސަލަ އެ ކޮމިޝަނުން ތަހުޤީގު ކުރަމުންދާ ދަނޑިވަޅުގައި މީޑިއާގެ ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުން އަރާގޮތަށް އަދި އެ ކޮމިޝަނުން ކުރަމުންދާ ތަހުޤީގަށް ހުރަސްއެޅޭ ފަދަ ގޮތަކަށް ޚަބަރު ފަތުރަމުންދާ ކަން  ފާހަގަ ކުރެވިފައިވާކަމަށާއި، އެހެންކަމުން  ރައްޔިތުންނާއި ހަމައަށް ގެނެސްދޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް މީޑިއާގެ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ބުނެފައިވެއެވެ.މި މައްސަލާގައި ރައްޔިތުންނަށް ހާމަ ކުރަންޖެހޭ މައުލޫމާތު، އެވަގުތެއްގައި އެ ކޮމިޝަނުން ހާމަ ކުރާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.މީގެއިތުރުން އިބްތިހާލްގެ މަރުގެ މައްސަލާގައި އެމްޑީޕީން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަވަމުން އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މިމައްސަލާގައި މަޖިލީހުން އަދާކުރަންޖެހޭ ޒިންމާ އަދާކޮށްފައި ނުވާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އެފަދަ މައްސަލަތައް ބަލަންޖެހޭ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އޮތީރިޓީއަށް ބޭނުންވާ ބަޖެޓް ދީފައި ނުވުމުން އެފަރާތުގެ ޒިންމާ އެންމެ އެކަށީގެންވާގޮތުގައި އަދާކުރެވިފައި ނުވާކަން ފާހަގަ ކުރައްވާ ފާޑު ވިދާޅުވެފައިވެއެވެ. ރޮޒެއިނާ ވިދާޅުވީ، މުޖުތަމައުގައި މިފަދަ ކަންކަން ހިނގަމުންދާއިރު ރައްޔިތުންގެ ޒިންމާވެސް އެބައޮތްކަމަށާއި، އެކަން ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކަށް ރިޕޯޓްކުރަންޖެހޭކަމަށެވެ.މިދިޔަ ޖެނުއަރީ މަހުގެ އަށާވީސް ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނު އިބްތިހާލްގެ މަރުގެ މައްސަލަގައި، އެކުއްޖާގެ މަންމަ  އާފިޔާގެ ބަންދަށް ފަނަރަ ދުވަސް ކޯޓުންވަނީ ޖަހައިދީފައެވެ.