ކުޅިވަރު

ލަލީގާ ހޯދުމަކީ ރެއާލްއަށް ނުވާނެ ކަމެއް ނޫން - ސޮލާރީ


ލަލީގާ ހޯދުމަކީ ރެއާލް މެޑްރިޑަށް ނުވާނެކަމެއް ނޫންކަމަށް ކޯޗު ސަންތިއާގޯ ސޮލާރީ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އަތުން ދޭއް ސުމަކުން މޮޅުވި މެޗަށްފަހު ކޯޗު ސޮލާރީ ބުނީ ރެއާލް މެޑްރިޑަށް އެއްވެސްކަމަކީ ނުވާނެކަމެއް ނޫންކަމަށެވެ. ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާއި ރެއާލް މެޑްރިޑާއި ދެމެދު 7 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި މިރޭ ލެގަނޭސް އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ ފަރަގު 10 ޕޮއިންޓަށް ފުޅާވާނެ އެވެ.

ރެއާލްގެ ކޯޗު ސޮލާރީ ބުނީ ރެއާލްގެ އަމާޒަކީ ހަމައެކަނި ލަލީގާ ނޫންކަމަށާއި، ކޮޕަ ޑެލްރޭއާއި ޗެމްޕިއަންސް ލީގަށްވެސް ކުލަބުން އިސްކަމެއް ދޭކަމަށެވެ. އަދި އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެއްވެސް މުބާރާތެއް ލިބޭނެ ކަމުގެ އުއްމީދު ކަނޑާނުލާނެކަމަށް ސޮލާރީ ބުންޏެވެ.

ލީގުގެ އުއްމީދުގައި އޮތް ރެއާލް މެޑްރިޑަށް ރޭގެ މެޗުން ލިބުނީ މުހިންމު ތިން ޕޮއިންޓްކަންވެސް ކޯޗު ފާހަގަކުރި އެވެ. އޭނާ ބުނީ ސެވިއްޔާކަހަލަ ބޮޑު ވާދަވެރިއެއް އަތުން މޮޅެއް ހޯދުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ލަނޑުތައް ޖަހައިދިނީ ލޫކާ މޮޑްރިޗާއި ކަސެމީރޯ އެވެ.