ޚަބަރު

ޕާކިސްތާނު އެމްބަސީން އޯޓިޒަމް ސެންޓަރަށް އައިޕެޑްތަކެއް ހަދިޔާކޮށްފި


ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީން، މޯލްޑިވް އޯޓިޒަމް އެސޯސިއޭޝަނުން ހުޅުމާލޭގައި ހިންގާ، އޯޓިޒަމް ސެންޓަރަށް 10 އައިޕެޑް ހަދިޔާކޮށްފިއެވެ.

މި އައިޕެޑްތައް ހަދިޔާކުރުމަށް އޯޓިޒަމް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ އެމްބެސެޑަރ ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކްރަމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކަމަށް އެހީތެރިވުމަށް ޕާކިސްތާނު އެމްބަސީން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

އޯޓިޒަމް ސެންޓަރގެ ޕްރޮގްރާމް ޑައިރެކްޓަރ ޝަފީނާ ސަޢީދު ވިދާޅުވީ ޕާކިސްތާން އެމްބަސީއަކީ އޯޓިޒަމް ސެންޓަރާ ވަރަށް ގާތުން މަސައްކަތްކުރާ އެމްބަސީއެއްކަމަށެވެ. އެގޮތުން އެ އެމްބަސީން ހަދިޔާކުރި އައިޕެޑްތަކަކީ އެ ސެންޓަރުން މިހާރު ފަރުވާ ހޯދަމުންދާ ކުދިންގެ ތެރެއިން ވާހަކަދެއްކުމުގައި ދަތިތަކެއްހުރި ކުދިންނަށް އެހީވުމުގެ ގޮތުން ހަދިޔާކުރި އައިޕެޑް ތަކެއް ކަމަށެވެ.

ޕާކިސްތާނު އެމްބަސީން މިދިޔަ އަހަރުވެސް އެ ސެންޓަރަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފައިވާކަންވެސް ޝަފީނާ ވަނީ ފާހަގަކުރައްވާފައެވެ.

އޯޓިޒަމް ސެންޓަރަކީ ރާއްޖޭގައި އޯޓިސްޓިކް ކުދިންނަށް ތެރަޕީ ދެމުންއަންނަ ހަމައެކަނި ސެންޓަރެވެ. މިހާރުވެސް ސަތޭކައަށްވުރެ ގިނަ ކުދިންނަށް ތެރަޕީ ދެމުންދާކަމަށް އެ ސެންޓަރުން ބުނެއެވެ.