ސިޔާސީ

މިނިސްޓްރީން ދިން ނޯޓިސްއަށް އަމަލުކުރުން ފަސްކުރަން އަންގައިފި


ރިސޯޓް ހެދުމަށް ވިލާއަށް  ދޫކޮށްފައިވާ ފަޅުތަކުގެ އެގްރިމެންޓް ބާތިލްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ދީފައިވާ ނޯޓިސްއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލްކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.އެކޯޓުން މި އަމުރު ނެރެފައިވަނީ، ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ވިލާ ހޮޓެލްސްއަށް ދޫކޮށްފައިވާ ފަޅުތަކުގެ އެގްރީމެންޓް ބާޠިލްކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބުނެ އެ ކުންފުނިން ހުށައެޅި މައްސަލައާ ގުޅިގެންނެވެ.ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ތިންފަޅެއް ވިލާއަށް ދިނުމަށް ދައުލަތުން އެއްބަސްވެފައިވަނީ  މީގެކުރިން މި މުއާމަލާތުގައި ދޭންޖެހުނު  ބަދަލެއް ދައުލަތުގެ މާލީ  ހާލަތު ހުރި ގޮތުން ދައުލަތަށް ނުދެވިގެންކަން އެގެން އޮންނަކަމަށެވެ. އަދި ވިލާއިން އެދިފައިވާ ވަގުތީ އަމުރު ނެރެނުދީފިނަމަ ވިލާއަށް ގެއްލުންތަކެވެ އެ ގެއްލުންތައް އިއާދަ ނުކުރެވޭ ކަމަކަށް ވެދާނެކަމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި  އެގެން އޮންނަކަމަށްވެސް ސިވިލްކޯޓްގެ އަމުރުގައިވެއެވެ.ވިލާއަށް ދީފައިވާ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަރާއި ކ. ވާވެއްދިއްފަޅާއި އެ ރަށްތަކާ ގުޅިގެން ކުއްޔަށް ދީފައިވާ ފަޅުތަކުގެ އެގްރިމެންޓް ބާތިލްކުރީ އެގްރިމެންޓާއި އެއްގޮތަށް މަސައްކަތް ކުރަމުން ނުދާތީކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.ޓްއަރިޒަމް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ވިލާއަށް ދޫކޮށްފައިވާ ފަޅުތަކުގެ އިތުރުން، ކުލި ނުދައްކާ އެހެން ބައެއް ފަރާތްތަކުގެ ރިސޯރޓްތަކުގެ އެގްރީމެންޓް ވެސް ބާތިލް ކޮށް، ކުލި ދެއްކުމަށް ދިހަ ދުވަހުގެ މުހުލަތެއް ދީފައިވެއެވެ.