ޚަބަރު

ހައްޔަރުކުރި މައްސަލަ ބަލާދިނުމަށް ނާޒިމް ފުލުހުންނަށް ހުށައަޅައިފި


ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ހައްޔަރުކޮށް ކުރީގެ ސަރުކާރުން ނާޒިމް ފްރޭމްކުރިކަމަށް ބުނާ މައްސަލަ ތަހުޤީގުކޮށްދިނުމަށް އެދި އޭނާ ފުލުހުންނަށް ހުށައަޅުއްވައިފިއެވެ.

ކާނަލް ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 18 ޖެނުއަރީ 2014 ގައި އޭނާ ހައްޔަރުކުރި ކުރުމަކީ ޖަރީމާއެއްކަމަށާއި، އެކަން ތަޙްޤީގުކޮށް އޭނާ ހައްޔަރުކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންގެ އިދާރާއިން މަސައްކަތްކުރަންޖެހޭކަމަށް ގަބޫލުކުރާކަމަށެވެ. އެހެންކަމުން އެމައްސަލަ ސިޓީއަކުން ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، މިކަމުގައި ޕޮލިސް ކޮމިޝަނަރ އާއި ބައްދަލުކޮށް އެހާދިސާ ތަފުސީލީ ގޮތެއްގައި ހިއްސާކުރައްވާފައިވާކަމަށް ނާޒިމްގެ ޓުވީޓުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ އަބުރުވެރި ނަން ދަމަހައްޓާ ރައްޔިތުންގެ އިތުބާރު ހިފޭ މުއައްސަސާއަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އޮތުމަށް އޭނާ އުންމީދުކުރާކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލަ ތަޙްޤީގުކޮށް، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ އޭނާ 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެ މައްސަލަ ރިވިއުކޮށް ދިނުމަށް ނާޒިމް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ މިދިޔަ މަހު އެ ހުކުމް ބާތިލް ކޮށްފަ އެވެ.

ނާޒިމް ފްރޭމްކުރިކަމަށް ބުނާ މައްސަލަ އޭނާ ފުލުހުންގެ އިދާރާއަށް ހުށައަޅުއްވާފައިވާއިރު، ފާއިތުވި ތަނުގައި ފުލުހުން ޝާމިލްވެ ހިންގާފައިވާ އޮޕަރޭޝަންތަކުގައި، އެކިފަރާތްތައް ފްރޭމްކޮށްފައިވާކަމަށް ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބައްލަވާނެކަމަށް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވާނީ ވިދާޅިވެފައެވެ.