ޚަބަރު

70 ރަށެއްގެ ނަރުދަމާއާއި 30 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރަނީ


ހަތްދިހަ ރަށެއްގެ ނަރުދަމާ ނިޒާމްގެ މަސައްކަތާއި، ތިރީސް ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ތަފާތު މަރުޙަލާތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން، އެންވަޔަރމަންޓް މިނިސްޓރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ މަތީން މުޙައްމަދު ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވޭތުވެދިޔަ ތިން އަހަރާއި އަޅާބަލާއިރު، މިހާރު ވަރަށް ބޮޑު އިސްކަމެއެއް ދެއްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާކަމަށެވެ.އެގޮތުން  ސަރުކާރުގެ ބަޖެޓުންނާ ހިލޭ އެހީ އަދި ލޯނު އެހީގެ ދަށުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތްތައް ފަށާފައިވާއިރު، ބައެއް ރަށްރަށުގައި ޑިޒައިން ކުރުމުގެ މަރުހަލާއާއި، ޓެންޑަރ މަރުހަލާ ނިމި  މަސައްކަތް ހަވާލު ކުރުމުގެ މަރުހަލާ ފެށިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.ސްޓޭޓް މިނިސްޓަރ މަތީން ވިދާޅުވީ ނަރުދަމާގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި  ކޮންޓްރެކްޓް އުސޫލުން ކުރަމުންދަނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި، ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. އެގޮތުން  އެމް.ޑަބްލިއު.އެސް.ސީއާ ހަވާލުކޮށްގެން 880 މިލިޔަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.މީގެ އިތުރުން މިދިޔަ 2014 ވަނައަހަރު ވެސް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް  ލޯން އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އެފައިސާ ތިން ބަޔަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.ފެނުގެ ނިޒާމް ގާއިމްކުރުމުގެ ދަށުން މިހާރު އަމަލީ މަސައްކަތް ކުރިޔަށްދާ ރަށްތަކުގެ އިތުރުން އިތުރު ދިހަ ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ފައިސާ ހަމަޖެހިފައިވާކަންވެސް މަތީން ފާހަގަކުރެއްވިއެވެ. އޭނާ ވަނީ މަސައްކަތްތައް ކުރިއަށްދާއިރު، ޕްރޮކިއުމަންޓް މަރުހަލާގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ.މިއަހަރުގެ މިހާތަނަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ނ އަތޮޅާއި، ފ އަތޮޅުގައި ބޮޑެތި ކުރިއެރުންތައް ލިބިފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.ފެނާއި ނަރުދަމާގެ ނިޒާމްތަކުގެ ތެރެއިން ގިނަ ތަންތަން މޮނިޓަރ ކުރާނީ ފެނަކަ ކޯޕަރޭޝަނުންކަމަށާއި، އެކަމުގެ ސަބަބުން  އިތުރު ވަޒީފާތަކެއް އުފެދިގެންދާނެކަމަށް އެންވަޔަރމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. ފެނަކަ އާއި އެމް ޑަބްލިއު އެސްސީގެ އިތުރުން މި މަސައްކަތް ކުރާނެ އިތުރު ކޮންޓެކްޓަރުން ބޭނުންވާކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.