ޚަބަރު

މާލޭގަ ބަހައްޓާ ދެ ގްރެވިޓީ ސިސްޓަމެއްގެ މަސައްކަތް ނިމިއްޖެ


މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ބަހައްޓާ "ގްރެވިޓީ ސިސްޓަމް" ތަކުގެ ތެރެއިން ދެ ސިސްޓަމްގެ މަސައްކަތް ނިމި، ތިންވަނަ ސިސްޓަމްގެ މަސައްކަތް ފަށައިފިއެވެ.އެމްޑަބްލިއު އެސްސީގެ އިންޖިނިއަރިންގ މެނޭޖަރ އަހްމަދު މުޖުތަބާ ވިދާޅުވީ، ގިޔާސުއްދީން ސްކޫލް ކައިރީގައި ބަހައްޓާ ސިސްޓަމާއި، އައިޖީއެމްއެޗް ކައިރީގައި ބަހައްޓާ ސިސްޓަމްގެ މަސައްކަތް ނިމި، ޓާރފް ދަނޑުގެ ހުޅަނގު ފަރާތުގައި ބަހައްޓާ ސިސްޓަމްގެ މަސައްކަތް މި ހަފްތާގައި ފަށާފައިވާ ކަމަށެެވެ. އެ ސިސްޓަމްގެ މަސައްކަތްވެސް ހަފްތާއެއްގެ ތެރޭގައި ނިމޭނެ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ. އަދި އެއަށްފަހު، ދެން ފަށާނި ސޯޝަލް ސެންޓަރު ކައިރީގައި ބަހައްޓާ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.ފަސްމަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށް އެގްރިމެންޓް ކުރެވިފައި ވީނަމަވެސް އެއަށްވުރެ އަވަހަށް މަސައްކަތް ނިންމާލެވޭނެކަމަށާއި، ސިސްޓަމްތައް ބެހެއްޓި ނަމަވެސް ޓެސްޓް ކުރެވޭނީ ވިއްސާރަ މޫސުމުގައިކަންވެސް އޭނާވަނީ ފާހަގަ ކުރައްވާފައެވެ.4.3 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ޕަމްޕްތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.