ކުޅިވަރު

ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އާދަމް އަދީލް ހޯދައިފި


ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އާދަމް އަދީލް ހޯދައިފިއެވެ.

29ވަނަ ޤައުމީ ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އާދަމް އަދީލް ހޯދީ ފައިނަލްގައި އިސްމާއިލް އަޒްމީން ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަށައިގެން އަދީލް ބޮޑު ލީޑެއް ނެގިއެވެ. އެހެންނަމަވެސް އަޒްމީންވަނީ ފަހަތުން އަރާ ސެޓު އެއްވަރުކޮށް ފޯރިގަދަ ސެޓު ސައުވީސް ފަންސަވީހުން ކާމިޔާބުކޮށްފައެވެ.

ދެވަނަ ސެޓު ފަށައިގެން ކުރީގައި އޮތީ އަޒްމީންއެވެ. 18 ޕޮއިންޓްގެ ބޮޑު ލީޑެއް ހޯދި ނަމަވެސް އަދީލްވަނީ ފަހަތުން އަރާ މި ސެޓު ފަންސަވީސް ވިހިން ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ސެޓު އަދީލް ކާމިޔާބުކުރީ ފަންސަވީސް ހަތަކުންނެވެ.

މިއީ އަދީލް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ. މެޗަށްފަހު ޗެންޕިއަންކަން ހޯދި އާދަމް އަދީލް ބުނީ ޗެންޕިއަންކަން ލިބުނީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުންކަމަށެވެ. އެހާ ބުރަކޮށް މަސައްކަތްކޮށް ޗެންޕިއަންކަން ލިބުމުން ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިއެއްޖެކަމަށާއި ދެން ބޭނުވަނީ މިކަން ދަމަހައްޓަންކަމަށް އަދީލް ބުންޏެވެ.

"މެޗް ކުޅުނީ އަސްލުގައި ވަރަށް ޕެރެޝަރުގަ. ލައިޓްތަށް ހުރި ގޮތުންވެސް އުދަގޫވި އަދި އިންޑޯ ފިނިވީމަވެސް އުދަގޫވި. މިކަންކަމަށް ފުރަތަމަ ޖެހުނީ އެޖެސްވާން. އެންމެ ބޮޑަށް ބެލީ މިސްޓޭކްތަށް މަދުކޮށް ވީހާވެސް އަވަހަކަށް ލީޑްނަގަން. އަދި ވަރަށް ދުވަސްވަންދެން ކުރި ފަރިތަކުރުންތަށް ކުރިއަށް ގެންގޮސް މިއަދު މިހާ ހިސާބަށް އައީމަ ވަރަށް އުފާވެއްޖެ." އަދީލް ބުންޏެވެ.

ފައިނަލުން ބަލިވި އިސްމާއިލް އަޒްމީން ބުނީ މޮޅުވާން ފުރުސަތުވެސް ލިބުނުކަމަށާއި، ނަސީބުވެސް އެހީ ނުވީކަމަށެވެ. ތިންވަނަ ފަހަރަށް ފައިނަލުން ބަލިވުމުން މާޔޫސްވެފައިހުރި އަޒްމީން ބުނީ އަދިވެސް އަމާޒަކީ ޤައުމީ ތަށި ހޯދުންކަމަށާއި، ސިންގަލްސް ތައްޓެއް ހޯދަން އިތުރަށް މަސައްކަތްކުރާނެކަމަށެވެ.

"ބައެއް ފަހަރު އަމިއްލަ މިސްޓޭކްތަކުގެ ސަބަބުން މެޗް ގެއްލުނީ. ބުނެވިދާނެ ނަސީބުވެސް އެހީނުވީކަމަށް. ވަރަށް މަސައްކަތް ކުރިން ނަމަވެސް ބައެއް ފަހަރު އެންމެ ބޭނުންވި ގޮތަށް މެޗް ތެރޭގައި ކަންތަށްތަށް ކުރިއަށް ނުދިޔައީ. ލައިޓްތަށް ބަހައްޓާފައި ހުރި ގޮތުންވެސް ބައެއް ފަހަރު ވަރަށް އުދަގޫވި. ހަމަބުނެވޭނީ މިފަހަރު ނަސީބު ނެތީކަމަށް." އަޒްމީން ބުންޏެވެ.

މުބާރާތުގެ ތިން އިވެންޓަކުން އަދީލްވަނީ ރަން މެޑަލް ހޯދާފައެވެ. އެއީ ފިރިހެން ޑަބަލްސް، ފިރިހެން ޓީމް އިވެންޓް އަދި ފިރިހެން ސިންގަލްސްއެވެ.