ސިޔާސީ

ލީގަލް ޓީމުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތުދީފައިވޭ- ޕޮލިސް


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދާ މައްސަލައާއި ގުޅިގެން ނާޒިމްގެ ލީގަލް ޓީމުގެ ފަރާތުން މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ޙަޤީޤަތް ރައްޔިތުންނަށް އޮޅޭ ގޮތަށް މީޑިޔާތައް މެދުވެރިކޮށް މައުލޫމާތު ދީފަވާކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައިވަނީ މިމައްސަލައިގެ ތަހްޤީޤްގައި، ހަމަޖެހިފައިވާ އުސޫލްތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. މިގޮތުން ނާޒިމް ދިރިއުޅުއްވާގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރު ހޯދުމުގައި ކޯޓަށް ނުރަނގަޅު މަޢުލޫމާތު ދީފައިވާކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމުގައި ފުލުހުން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.މިމައްސަލައިގެ ތަހްޤީގު އެކި މަރުހަލާތަކުގައި ކޯޓުން އަމުރު ހޯދުމަށް އަބަދުވެސް ކޯޓަށް ހުށަހަޅާފައިވާނީ ފުލުހުންނަށް ލިބިފައިވާ ހެއްކާއި ޤަރީނާއާއި، އެކަމާއި ގުޅޭ ތެދު މަޢުލޫމާތު ކަމުގައިވެސް ފުލުހުންވަނީ ބުނެއެވެ.މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ގެނައުމަށްފަހު ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސްފައިވާނީ މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލް ދެއްވި ލަފާގެ މަތިންކަމަށާއި މިގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފާ ލިޔުމުން ލިބި އަދި އެލިޔުން ވާނީ ކޯޓަށްވެސް ހުށަހަޅާފަކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުންގެ ފަރާތުން ފަނޑިޔާރުންނަށް ހަޤީޤަތް އޮޅޭފަދަ މަޢުލޫމާތެއް ހުށަހަޅާފައި ނުވާނެކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.މިކަމާގުޅިގެން އެއްވެސް ފަރާތަކުން ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަ ނުދެއްކެވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.