ޚަބަރު

ޕްރައިމެރީގައި ވާދަކުރި ނޫސްވެރިންނަށް ބޮޑު ނާކާމިޔާބީއެއް


މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވާދަކުރި ގިނަ ނޫސްވެރިންނަށް ޓިކެޓް ނުލިބި ފުރުސަތު ގެއްލިއްޖެއެވެ.

އެމްޑީޕީން ބޭއްވި ޕްރައިމެރީގައި ވާދަކުރި ނޫސްވެރިންނަކީ ޕީއެސްއެމް ސްޕޯޓްސްގައި މަސައްކަތްކުރި ސީނިއަރ އެޑިޓަރ ހަފްސީ އަބްދުﷲ އާއި ރާއްޖެ ޓީވީގެ ނޫސްވެރިންކަމަށްވާ މުހައްމަދު ފަޒީނާއި އަހުމަދު ފައިރޫޒާއި އަހުމަދު ވިސާމާއި (ސަމްޕަތު) ހުޝާމް މުހައްމަދު (ހިރިގާ) ކުރީގެ ނޫސްވެރިއެއްކަމަށްވާ މުހައްމަދު އަބްދުﷲ ޝަފީގް (ފިޔެސް މޯޑް) އެވެ.

ޕްރައިމެރީގައ ވާދަކުރި ނޫސްވެރިންގެ ތެރެއިން ޓިކެޓް ކަށަވަރުކުރީ އަހުމަދު ވިސާމާއި (ސަމްޕަތު) އާއި މުހައްމަދު އަބްދުﷲ ޝަފީގް (ފިޔެސް މޯޑް) އެވެ.

ހަފްސީ އަބްދުﷲ ވާދަކުރީ މަނަދޫ ދާއިރާއަށެވެ. އެ ދާއިރާއަށް ހަފްސީއާއި އެކު 8 މީހުން ވާދަކޮށްފައިވާއިރު ހަފްސީއަށް ލިބިފައިވަނީ 149 ވޯޓްއެވެ. އެ ދާއިރާ ކާމިޔާބުކުރީ އަހުމަދު ހާރޫނަށް ލިބުނީ 209 ވޯޓްއެވެ. މި ދާއިރާއަށް ވާދަކުރި 8 މީހުންގެ ތެރެއިން ހަފްސީ އޮތީ ތިންވަނާގައެވެ.

މުހައްމަދު ފަޒީން ވާދަކުރީ ތުޅަދޫ ދާއިރާއަށެވެ. އެ ދާއިރާގެ ޕްރައިމެރީ ކާމިޔާބުކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސެއިންއެވެ.

ރާއްޖެ ޓީވީއާއި ޗެނަލް 13 ގައިވެސް މަސައްކަތްކޮށްފައިވާ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ އަހުމަދު ފައިރޫޒް ވާދަކުރީ މައްޗަންގޮޅި ދެކުނު ދާއިރާގައެވެ. އެ ދާއިރާގެ ޓިކެޓް ކާމިޔާބުކުރީ އަހުމަދު ހައިތަމްއެވެ.

ރާއްޖޭ ޓީވީގެ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ހުޝާމް މުހައްމަދު (ހިރިޤާ) ވާދަކުރީ ހިންނަވަރު ދާއިރާއަށެވެ. އެ ދާއިރާއަށް ހުޝާމްއާއި އެކު 4 މީހުން ވާދަކުރި އިރު ހިންނަވަރު ދާއިރާ ކާމިޔާބު ކުރީ އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޖީހާން މަހްމޫދުއެވެ.

ޕްރައިމެރީގައި ވާދަކޮށް ޓިކެޓް ކާމިޔާބު ކުރީ ކުރީގެ ނޫސްވެރިޔާ މުހައްމަދު އަބްދުﷲ ޝަފީގު (ފިޔެސް މޯޑް) ވާދަކުރީ ވެލިދޫ ދާއިރާއަށެވެ. އެ ދާއިރާ މުހައްމަދު އަބްދުﷲ ޝަފީގު ކާމިޔާބުކުރީ 404 ވޯޓާއި އެކުއެވެ. ޕްރައިމެރީގައި ވާދަކުރި ނޫސްވެރިންގެ ތެރެއިން ޕްރައިމެރީ ދެން ކާމިޔާބު ކުރީ އަހުމަދު ވިސާމްއެވެ. އެނާ ވާދަކުރީ ލ ގަމު ދާއިރާއަށެވެ.

އަންނަ ރައްޔިތުން މަޖިލީހިގައި ވާދަކުރުމަށް އެމްޑީޕީން ބޭއްވި ޕްރައިމެރީގައި ވާދަކުރި ގިނަ ނޫސްވެރިންނަށް ނާކާމިޔާބު ވެގެންދިޔައިރު 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ގިނަ ނޫސްވެރިންނަށްވެސް ވަނީ އިންތިހާބު ކާމިޔާބު ނުވެ ފެއިލްވެގެން ގޮސްފައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި އައިޝަތު ލީޒާއާއި ޓީވީއެމްގައި މަސައްކަތް ކުރި ނަހްލާ އަލީ ޓީވީއެމްގައި މަސައްކަތްކޮށް ފަހުން ވީޓީވީއާއި ގުޅުނު އަލީ ސުލައިމާން ހިމެނެއެވެ. ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމްވެސް ވަނީ މިދިޔަ ކައުންސިލް އިންތިޙާބުގައި ވާދަކޮށް ނާކާމިޔާބު ވެފައެވެ.